ޕީސީބީގެ ރައީސްކަމަށް ނިޒާރު އައްޔަނުކުރައްވައިފި

ޕީސީބީގެ ރައީސް ނިޒާރު --

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްކަމުގެ މަގާމަށް މއ. ޔެލޯބެލް، މުހައްމަދު ނިޒާރު، ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އައްޔަނުކުރައްވައިފިއެވެ.

ޕީސީބީން ބުނީ އެ މަގާމުގައި ކުރިން ހުންނެވި ގއ. ދެއްވަދޫ، ދޭލިޔާގެ، މުހައްމަދު އަނަސް އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ އިސްތިއުފާ ރައީސް ގަބޫލުފުޅުކުރައްވައި ނިޒާރު އެ މަގާމަށް އައްޔަނުކުރައްވާފައިވާ ކަމަށެވެ.

ނިޒާރަކީ ބައިނަލްއަގުވާމީ ވިޔަފާރިއާއި ކޯޕަރޭޓް މެނޭޖްމަންޓާއި ދައުލަތުގެ އިދާރާތައް ހިންގުމުގެ ދާއިރާއިން 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން 2014 އިން 2019 އަށް ވެސް ޕީސީބީގެ ރައީސްކަން ނިޒާރު ފުރުއްވާފައިވެއެވެ. އެ މުއްދަތުގައި ސަރުކާރުގެ ޕްރައިވެޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން އެޖެންޑާ ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރައްވައި، ދައުލަތުގެ ކުންފުނިތައް ހިންގުމުގެ ނިޒާމު ހަރުދަނާކުރެއްވުމުގައި ނިޒާރު ވަނީ އިސްނަންގަވައިފައެވެ.

ޕީސީބީން ބުނި ގޮތުގައި ނިޒާރު ވަނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގައި 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައި، އެ ކުންފުނީގެ އިމްޕޯޓް، އެޑްމިނިސްޓްރޭޝަން، އައިޓީ އަދި ސޭލްސް ފަދަ ދާއިރާތަކުގެ އިސް މަގާމުތައް ފުރުއްވައިފައެވެ. އޭގެ އިތުރުން މޯލްޑިވްސް ގޭސް އަދި މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ފަދަ ކުންފުނިތަކުގެ ބޯޑު މެންބަރުކަން ވެސް ކުރައްވާފައިވެއެވެ.

ނިޒާރު ވަނީ ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވައި، ކޯޕަރޭޓް ގަވަނަންސާ ގުޅޭ ބައިނަލްއަގުވާމީ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެންފައެވެ.