އެތެރޭގައި ބައިބައިވުން ބޮޑުވެދާނެތީ ޗެއާޕާސަން އިންތިހާބު ފަސްކުރަން ގަޕޯ ހުށަހަޅައިފި

އެމްޑީޕީގެ އެތެރޭގެ ބައިބައިވުން ބޮޑުވެ މަސްލަހަތު ގެއްލިދާނެތީ، ޗެއާޕާސަން ހޮވުމުގެ އިންތިހާބު ފަސްކުރުމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްއަފޫރު މޫސާ (ގަޕޯ) ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ގަފޫރު މި ހުށަހެޅުން ހުށަހެޅުއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައެވެ.

އޭނާ ވިދާޅުވީ، މި ވަގުތު އިންތިހާބު ބާއްވައިފި ނަމަ، ޕާޓީގެ ތެރޭގައި އުފެދޭނެ ހިޔާލުތަފާތުވުންތަކުގެ ސަބަބުން، ސަރުކާރު ޖަވާބުދާރީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބުރޫއަރާނެ ކަމަށެވެ. އިންތިހާބު ފަސްކުރަން ހުށަހެޅި އަނެއް ސަބަބަކީ މި އަހަރު ދައުލަތުން ޕާޓީއަށް ލިބެންޖެހޭ ފައިސާ އަދިވެސް ލިބިފައި ނުވާތީ، އިންތިހާބު ބޭއްވޭނެ ފަދަ މާލީ ތަނަވަސްކަމެއް ޕާޓީގައި މި ވަގުތު ނެތުމެވެ

އެހެންވެ ގަޕޯ ހުށަހެޅުއްވީ ޗެއާޕާސަން ހޮވުމުގެ އިންތިހާބު ރިޔާސީ ޕްރައިމަރީގެ ފަހަށް ފަސްކުރުމަށްފަހު، ޕާޓީ ހިންގުމަށްޓަކައި ވަގުތީ އިންތިޒާމެއް ހަމަޖެއްސުމަށް، ގައުމީ މަޖިލީހުން ފާސްކުރުމަށެވެ.