އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާ ދެކޮޅަށް ކުރެވުނު ހަނގުރާމައިގެ ހަމަނުޖެހުންތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށް އިއުލާންކޮށް، ހަނގުރާމަ ކުރިއަށް ގެންދިއުމަށް ކޮންގްރެސްގެ ހުއްދަ ބޭނުން ނުވާ ކަމަށް ވިދާޅުވެ، ކޮންގްރެސްގެ ލީޑަރުންނަށް ސިޓީ ފޮނުއްވައިފިއެވެ.
ޓްރަމްޕް ސިޓީގައި ވިދާޅުވީ އެޕްރީލް ހަތްވަނަ ދުވަހު ދެ ހަފްތާގެ ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއް ހެދި ކަމަށާއި، އޭގެ ފަހުން އެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.
އެމެރިކާގެ ފައުޖުތަކާއި އީރާނާ ދެމެދު އެޕްރީލް ހަތްވަނަ ދުވަހުން ފެށިގެން ހަމަލާ ބަދަލުކުރެވިފައި ނުވާ ކަމަށާއި، ”ފެބްރުއަރީ 28، 2026 ގައި ފެށުނު ހަމަނުޖެހުންތައް ނިމިއްޖެ“ ކަމަށް ޓްރަމްޕް ލިޔުއްވާފައިވެއެވެ. އެ ސިޓީ ފޮނުވީ ހައުސް ސްޕީކަރު މައިކް ޖޮންސަން އާއި ސެނެޓުގެ ޕްރެސިޑެންޓް ޕްރޯ ޓެމްޕޯރީ ޗަކް ގްރެސްލީއަށެވެ.
1973 ވަނަ އަހަރުގެ ވޯ ޕަވާޒް ރެޒޮލިއުޝަންގެ ދަށުން، އެމެރިކާގެ ރައީސަށް ކޮންގްރެސްގެ ހުއްދައާ ނުލައި 60 ދުވަހަށްވުރެ ދިގު މުއްދަތަކަށް އަސްކަރީ ހަރަކާތްތައް ހިންގޭނީ ކޮންގްރެސް އެކަމަށް ހުއްދަ ދީގެން، ނުވަތަ ސިފައިން ބާލަން 30 ދުވަހުގެ އިތުރު މުހުލަތެއް ހޯދައިގެންނެވެ. އެމެރިކާ ސިފައިން އީރާނަށް ހަމަލާ ދޭން ފެށީ ފެބްރުއަރީ 28 ގައި ނަމަވެސް، ޓްރަމްޕްގެ ސަރުކާރުން ކޮންގްރެސްއަށް ރަސްމީކޮށް އެންގީ މާޗް 2 ގައެވެ. އެހެންކަމުން 60 ދުވަހުގެ ސުންގަޑި ހަމަވީ އިއްޔެއަށެވެ.
ޓްރަމްޕް ސިޓީގައި ވިދާޅުވީ ”އީރާނުގެ ވެރިކަމާ ދެކޮޅަށް ހިންގި އަމަލިއްޔާތު ކާމިޔާބު ވެފައިވީ ނަމަވެސް، އީރާނުގެ ފަރާތުން އެމެރިކާއަށާއި ސިފައިންނަށް އޮތް ނުރައްކާ ވަރަށް ބޮޑު“ ކަމަށެވެ. އޭގެ މާނައަކީ ހަނގުރާމަ ނިމުނީ ނޫން ކަމަށާއި، 60 ދުވަހުގެ ސުންގަޑި ނުހިނގާ ކަމަށް ޓްރަމްޕް ދެކެނީ ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމާ ހެދި ކަމަށެވެ.
ފްލޮރިޑާއަށް ފުރުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ ކޮންގްރެސްގެ ހުއްދަ ހޯދުމަކީ ކުރީގެ އެއްވެސް ރައީސަކު ކޮށްފައި ނުވާ ކަމެއް ކަމަށާއި، ވޯ ޕަވާޒް ގާނޫނު، ގާނޫނު އަސާސީއާ ހިލާފު ކަމަށެވެ. ޓްރަމްޕްގެ ކުރިން ޕެންޓަގަންގެ ވެރިޔާ ޕީޓް ހެގްސެތު ވެސް ސެނެޓް ކޮމިޓީގައި ވާހަކަދައްކަވަމުން ވިދާޅުވީ ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ ސަބަބުން ”60 ދުވަހުގެ ގަޑި ހުއްޓޭ“ ކަމަށެވެ.
ޑިމޮކްރެޓް ސެނެޓަރުން ޓްރަމްޕްގެ ވާހަކައާ ދެކޮޅު ހެދިއެވެ. 1973 ގެ ގާނޫނުގައި ހަމަލާ ބަދަލުކުރުން ހުއްޓައިލުމެއް ގެނެސް، ގަޑި ހުއްޓައިލެވޭ ގޮތެއް ނެތް ކަމަށާއި، އީރާނުގެ ތެޔޮ ބޭރުކުރުން ހުއްޓުވަން އެމެރިކާ ކަނޑުގެ ސިފައިން ހިންގާ ބްލޮކޭޑަކީ ހަނގުރާމައިގެ އަމަލެއް ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.
ސެނެޓް ފޮރިން ރިލޭޝަންސް ކޮމިޓީގެ އެންމެ އިސް ޑިމޮކްރެޓް ޖީން ޝެހީން ވިދާޅުވީ ”60 ދުވަހުގެ ހަމަނުޖެހުމަށް ފަހު ވެސް ރައީސް ޓްރަމްޕަށް މި ދޯހަޅި ހަނގުރާމައިން ނުކުންނާނެ ގޮތެއް ނެތް“ ކަމަށެވެ. ސެނެޓަރު ރިޗަޑް ބްލޫމެންތާލް ސޯޝަލް މީޑިއާގައި ވިދާޅުވީ ”ގާނޫނު އަސާސީގައި ނުވަތަ ވޯ ޕަވާޒް ގާނޫނުގައި ޕޯޒް ބަޓަނެއް ނެތް“ ކަމަށާއި ”ބްލޮކޭޑް އެކަނިވެސް އެއީ ހަނގުރާމައިގެ އަމަލެއް“ ކަމަށެވެ.
ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް ބްރޫސް ފައިން، އަލް ޖަޒީރާއަށް ވިދާޅުވީ 60 ދުވަހުގެ ސުންގަޑި ހުއްޓައިލެވެންޏާ ”މި ގާނޫނު ކަރުދާސް މައްޗެއްގައި ލިޔެފައި އޮންނަ ބޭކާރު އެއްޗަކަށް ބަދަލުވާނެ“ ކަމަށެވެ.
ރިޕަބްލިކަން ޕާޓީގެ ބޭފުޅުން އާންމު ގޮތެއްގައި ޓްރަމްޕަށް ތާއީދުކުރެއްވި ނަމަވެސް، މެއިން ސްޓޭޓްގެ ސެނެޓަރު ސޫޒަން ކޮލިންސް ފުރަތަމަ ފަހަރަށް ޑިމޮކްރެޓުންނާއެކު ހަނގުރާމަ ހުއްޓައިލުމަށް ވޯޓުދެއްވިއެވެ. ”ސުންގަޑިއަކީ ހުށަހެޅުމެއް ނޫން، އެއީ ގާނޫނީ ލާޒިމު ކަމެއް“ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަނގުރާމަ ދެތިން ހަފުތާއެއްގެ ތެރޭގައި ނިންމައިލެވޭނެ ކަމަށް ޓްރަމްޕް ކުރިން ވިދާޅުވެފައިވީ ނަމަވެސް، ދެ މަސް ވީ އިރު ވެސް ނިމުމެއް ނައުމުން ރިޕަބްލިކަން ބައެއް ސެނެޓަރުން ވެސް ކަންބޮޑުވުން ފާޅުކުރައްވަން ފެށިއެވެ.
ހަމަލާ ބަދަލުކުރުން ހުއްޓައިލާފައިވީ ނަމަވެސް، އެމެރިކާ ސިފައިން އީރާނުގެ ބަނދަރުތައް ބްލޮކޭޑް ކުރުން ކުރިއަށް ގެންދެއެވެ. މެދުއިރުމަތީގައި ގާތްގަނޑަކަށް 50،000 އެމެރިކާ ސިފައިން ތިބެއެވެ.
އީރާނުގެ ރަސްމީ ނޫސް އެޖެންސީ އައިއާރްއެންއޭ އިން އިއްޔެ ބުނީ ތެހެރާނުން އެންމެ ފަހުގެ ހުށަހެޅުން ޕާކިސްތާންގެ ސުލްހައިގެ މެދުވެރިންނަށް ފޮނުވި ކަމަށެވެ. ނަމަވެސް ޓްރަމްޕް ވަގުތުން އެ ހުށަހެޅުން ބޭރުކޮށްލިއެވެ. ޓްރަމްޕް ވިދާޅުވީ ”އީރާނުން ޑީލް ހަދަން ބޭނުންވޭ، އެކަމަކު އެމީހުން ހުށަހެޅި ކަންކަމާ އެއްބަސް ނުވެވޭނެ“ ކަމަށެވެ.
އެ ހަމަނުޖެހުންތަކުގެ ސީދާ އަސަރު ޢާންމު ރައްޔިތުންނަށް ވެސް ކުރަމުންދާ އިރު، އެމެރިކާގައި ތެލުގެ އަގު ދުވާލެއްގެ މައްޗަށް ނުވަ ސެންޓް އުފުލި، ގައުމީ އެވެރެޖް ގެލަނެއް 4.39 ޑޮލަރަށް އެރިއެވެ. ފެބްރުއަރީ ފަހުކޮޅު އިސްތިއުމާރީ އިސްރާއީލާ ގުޅިގެން ފެށި އެ ހަނގުރާމަ މިހާރު ސަރަހައްދީ ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެ، ދުނިޔޭގެ ސަޕްލައި ޗެއިންތަކަށް ބުރޫ އަރައި، އެމެރިކާ ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދު އުފުލިފައިވެއެވެ.









