އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 16 ބިލިއަން ރުފިޔާ 

އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 16 ބިލިއަން ރުފިޔާ އަދި ސާފު ފައިދާގެ ގޮތުގައި 962 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެސްޓީއޯ ގްރޫޕްގެ މިދިޔަ އަހަރުގެ އާމްދަނީގެ ހިސާބުތައް އެ ގްރޫޕުން ވަނީ އެސްޓީއޯގެ ވެބްސައިޓުގައި މިދިޔަ ބުރާސްފަތި ދުވަހު ޝާއިއުކޮށްފައެވެ.

އެ ހިސާބުތަކުން ދައްކާގޮތުގައި އެސްޓީއޯ ގްރޫޕްގެ 2025 ވަނަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 16.68 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ އަހަރާ އަޅައި ބަލާއިރު 0.5 އިންސައްތައިގެ ދަށްވުމެކެވެ. އެސްޓީއޯ ގްރޫޕްގެ ޖުމްލަ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމާއި ޝިޕިންގ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވުމުން ކަމަށް އެސްޓީއޯ އިން ބުނެއެވެ.

ތެލުގެ އާމްދަނީ ދަށްވި ނަމަވެސް ތެޔޮ ވިކުނު އަދަދު ވަނީ 8 އިންސައްތައިން އިތުރުވެފައެވެ. އަދި ހަމައެއާއެކު، އިންޝޫރަންސް، ގޭސް އަދި ޓްރޭޑިން ވިޔަފާރި ވަނީ ރަނގަޅުވެފައެވެ.

ހިންގުމުގެ ހަރަދު ނިސްބަތުން ދަށްވި ނަމަވެސް، ޖުމްލަ އާމްދަނީ ދަށްވުމާއެކު ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ އެސްޓީއޯ ގްރޫޕަށް ވަނީ 1.18 ބިލިއަން ރުފިޔާ ލިބިފައެވެ. އެހެންނަމަވެސް ފައިނޭންސް ކުރުމުގެ ހަރަދު 16 އިންސައްތައިން ދަށްވުމާއިއެކު ސާފު ފައިދާގެ ގޮތުގައި އެސްޓީއޯ ގްރޫޕަށް ވަނީ 962 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ އަހަރާއި އަޅާ ބަލައި އިރު ހަތަރު އިންސައްތައިގެ ކުރިއެރުމެކެވެ.

ޓެކުހަށް ކެނޑުމަށްފަހު، ސާފު ފައިދާގެ ގޮތުގައި އެސްޓީއޯ ގްރޫޕަށް ވަނީ 785 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ އަހަރާ އަޅައި ބަލާއިރު ދެ އިންސައްތައިގެ ކުރިއެރުމެކެވެ.