މާފުށީ ޖަލަށް 17 ފޯނާއި 4 ކައްޓާ އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ރ. މަޑުއްވަރި / މާސް، މުހައްމަދު ޝަހީރު (28އ) ---ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް

ބަންދު މީހުން ތިބޭ މަރުކަޒަކަށް އެތެރެކުރުން މަނާތަކެތި، މާފުށީ ޖަލަށް އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އިއްޔެ މާފުށީ ޖަލު ގޭޓު ކައިރިން ހައްޔަރުކޮށްފައި ވަނީ ރ. މަޑުއްވަރި / މާސް، މުހައްމަދު ޝަހީރު (28އ) ކަމަށެވެ.

އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރި އިރު 17 ސްމާޓް ފޯނާއި 35 ޗާޖިން ކޭބަލާއި 29 ޖޮއިންޓާއި އެޑަޕްޓަރަކާއި ހަތަރު ކައްޓާ އާއި ޕެން ޑްރައިވްގެ އިތުރުން އެހެނިހެން ތަކެތި ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން މުހައްމަދު ޝަހީރުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.