ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދައުވަތަކަށް އެ ގައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް މުއިއްޒު، ސްރީލަންކާގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން ބަދަހިކުރެއްވުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ. އެގޮތުން ތައުލީމާއި ފަންނީ ތަމްރީނާއި އިގުތިސާދީ އެއްބާރުލުމާއި ހިންގުމުގެ ދާއިރާގެ އިތުރުން ތަރިކައާއި ބައިނަލްއަޤުވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރެވޭނެ އާ މަގުތައް ހޯދުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި ދެ ގައުމުގެ ރައީސުންގެ ހާޒިރުގައި ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމްގައި ރައީސް ބައިވެރިވެވަޑައިގަތުމަށާއި ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅަކީ މިދިޔަ އަހަރުގެ ޖުލައި 28 އިން 30 އަށް ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ރައީސް މުއިއްޒު ކުރައްވާ ދަތުރުފުޅެކެވެ. ރާއްޖެއާއި ސްރީލަންކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރީ 1965 ވަނަ އަހަރުގެ ޖުލައި 26 ގައި ކަމަށްވާ އިރު، މި ދަތުރުފުޅަކީ ދެ ގައުމުގެ ހާރިޖީ ގުޅުމަށް 60 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ.









