މަރުގެ ހުކުމް ތަންފީޒުކުރުމުގެ ބިލު މި ދައުރަށް ހުށަނޭޅޭނެ: އޭޖީ

އެޓާނީ ޖެނެރަލް އުޝާމް ---

މަރުގެ ހުކުމް ތަންފީޒުކުރުމުގެ ބިލު މި ދައުރަށް ހުށަނޭޅޭނެ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

މަރުގެ ހުކުމް ތަންފީޒުކުރުމަށް ބޭނުންވާ ހާއްސަ ގާނޫނީ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދިޔަ ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރުގެ ތެރޭގައި އެ ބިލު ހުށަހަޅޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުޝާމް ވަނީ ވިދާޅުވެފައެވެ.

މިދިޔަ މަހުގެ ފަހުކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މަޖިލީހުގެ މި ދައުރު ނިމުމުގެ ކުރިން އެ ބިލު ހުށަހަޅުއްވާނެ ކަމަށެވެ. ނަމަވެސް އޭގެ 10 ދުވަސް ފަހުން އޭޖީ ވިދާޅުވީ، ބިލުގެ ބޮޑުބައެއް ނިމިފައިވީ ނަމަވެސް، މަރުގެ ހުކުމް ފަދަ ނާޒުކު މައުލޫމާތު ހިމެނޭ ބިލެއްގައި ދީނީ ގޮތުންނާއި އިޖުރާއީ ގޮތުން ބަލަންޖެހޭ ގިނަ ކަންތައްތަކެއް ހުރުމުން އެ މަސައްކަތް ނިންމަން އިތުރު ވަގުތު ބޭނުންވާ ކަމަށެވެ.

”އޭގެ ބާވަތުން އަޅުގަނޑުމެން ހަމަ ބަލަން ޖެހޭ ވަރަށް ގިނަ ކަންތައްތައް އެބައުޅޭ. ދީނީ ގޮތުން ބަލަން ޖެހޭ ކަންތައްތައް ވެސް. އެހެންވީމާ އަޅުގަނޑުމެން އެކަންތައް ބެލުމުގެ ޕްރޮސެސް މިހާރު ކުރިއަށް މި ގެންދަނީ،“ އޭޖީ ވިދާޅުވިއެވެ.

އޭޖީ ފާހަގަކުރެއްވި ގޮތުގައި މަރުގެ ހުކުމް ތަންފީޒު ކުރަންވާނީ ވަރުގަދަ ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަމަށްވާތީ، މިހާރު އޮތް ގަވާއިދަށްވުރެ ފުރިހަމަ އިޖުރާއަތްތަކެއް ބިލުގައި ހިމެނުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

މަޖިލީހުގެ މި ދައުރު މި މަހުގެ 15 އަށް ނިމޭ އިރު، އޭޖީ ލަފާކުރައްވަނީ ޖޫން މަހުގެ އެއްވަނަ ދުވަހު ފެށޭ މަޖިލީހުގެ ދެވަނަ ދައުރުގެ ކުރީކޮޅުގައި މި ބިލު ހުށަހަޅޭނެ ކަމަށެވެ. ބިލުގެ މަސައްކަތް ލަސްވަނީ މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އެންމެހައި ކަންކަން ކަށަވަރު ކުރުމުގެ މަރުހަލާ ކުރިއަށްދާތީ ކަމަށްވެސް އޭޖީ ވިދާޅުވިއެވެ.