ހަންޓާވައިރަހުގެ ނުރައްކާ ރާއްޖެއަށް އޮތީ ވަރަށް ކުޑަ މިންވަރަކަށް: އެޗްޕީއޭ

ހަންޓާވައިރަހަށް ޓެސްޓުކުރުމަށް ނަގާފައިވާ ސާމްޕަލްއެއް -- ފޮޓޯ: ގެޓީ

ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރާ ކްރޫޒް ލައިނާއަކުން ހަންޓާވައިރަސް ފެނިފައިވީ ނަމަވެސް، އެ ބަލީގެ ނުރައްކާ ރާއްޖެއަށް އޮތީ ވަރަށް ކުޑަ މިންވަރަކަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ.

އެޗްޕީއޭ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) މެދުވެރިކޮށް އެ ބައްޔާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހޯދައި، ހާލަތު މޮނިޓާ ކުރަމުންދާ ކަމަށެވެ. މިހާތަނަށް ރާއްޖެއިން އެ ބަލީގެ އެއްވެސް ކޭސްއެއް ފެނިފައި ނުވާ ކަމަށާއި، ބަލި ޖެހިފައިވާ މީހަކާ ދިމާވި މީހަކު ވެސް ރާއްޖޭގައި ނެތް ކަމަށް އެ އެޖެންސީން ބުންޏެވެ.

ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ބުނިގޮތުގައި، ބައެއް ފަރާތްތަކަށް އެ ބަލީގެ ނުރައްކާ އޮތް ނަމަވެސް، އާންމު ސިއްހަތަށް އެ ބަލީގެ ސަބަބުން އޮތް ނުރައްކާ ކުޑައެވެ.

މައިގަނޑު ގޮތެއްގައި މީދަލާއި އެފަދަ ޖަނަވާރުގެ ޒަރީއާއިން އިންސާނުންނަށް ފެތުރޭ ހަންޓާވައިރަސް އާންމުކޮށް ފެތުރެނީ މީދަލުގެ ނަޖިސް، ކުޅު ނުވަތަ ކުޑަކަމުދާ ތަކެތީގައި އަތް ލެވިގެންނެވެ. އޭގެ އިތުރުން ވައި ނުވަންނަ ބަންދު ތަންތަނުގައި ހުންނަ މީދަލުގެ ނަޖިހުގެ ޕާޓިކަލްސް ނޭވާލުމުގެ ތެރެއިން ހަށިގަނޑަށް ދިއުމަކީ ވެސް ބަލި ޖެހެއެވެ.

ހަންޓާވައިރަހަކީ ސީރިއަސް ބައްޔެއް ޖައްސާ، ބައެއް ފަހަރު ފުރާނައަށް ނުރައްކާވެދާނެ ވައިރަހެކެވެ. މި ވައިރަހުގެ ސަބަބުން ހަންޓާވައިރަސް ޕަލްމޮނަރީ ސިންޑްރޯމް (އެޗްޕީއެސް) އަދި ހީމޮރޭޖިކް ފީވާ ވިތް ރީނަލް ސިންޑްރޯމް (އެޗްއެފްއާރްއެސް) ޖެހެއެވެ. މައިގަނޑު ގޮތެއްގައި ވައިރަސް ފެތުރެނީ މީދާ ފަދަ ޖަނަވާރުންގެ ޒަރީއާއިންނެވެ.