އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު ޕްރިންޓުކުރަން ބޭނުންވާ ބައެއް ސާމާނު ނުގެނެވި ލަސްވެފައިވާތީ އެ ޕާސްޕޯޓު ދޫކުރުން މެދުކަނޑާލާފައިވާ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.
އިމިގްރޭޝަނުން ބުނީ އީ-ޕާސްޕޯޓު ޕްރިންޓުކުރުމަށް ބޭނުންކުރާ ޕާސްޕޯޓު ބުކްލެޓުގެ ސްޓޮކް ނުގެނެވި ލަސްވެފައިވާ ކަމަށެވެ. އެހެންވެ މާދަމާއިން ފެށިގެން އޯޑިނަރީ ޕާސްޕޯޓަށް އެދި ހުށަހަޅާ މީހުންނަށް ދެން ދޫކުރާނީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ކަމަށް އެ އިދާރާއިން ބުންޏެވެ. މިއީ އިލެކްޓްރޯނިކް ޕާސްޕޯޓުގެ ސްޓޮކް މެނޭޖްކުރުމުގެ ބޭނުމުގައި އެޅި ފިޔަވަޅެއް ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓަކީ ވެސް އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އައިކާއޯ) ގެ މިންގަނޑުތަކާ އެއްގޮތަށް ތައްޔާރުކޮށްފައިވާ، ފަސް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރެވޭ މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ. އީ-ޕާސްޕޯޓު ދޫކުރަނީ 1،000 ރުފިޔާއަށް ކަމަށްވާ އިރު، ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓުގެ ފީއަކީ 600 ރުފިޔާއެވެ.
ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ ކުރިން އިލެކްޓްރޯނިކް ޕާސްޕޯޓެއް ހަދަން ބޭނުންވެއްޖެ ނަމަ ކެންސެލޭޝަން ފީއަކާ ނުލައި އެކަން ކޮށްދޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.









