ޓެކްނޮލޮޖީގެ ސަބަބުން ކުދިންނަށް ކުރިމަތިވާ ނުރައްކާތަކަށް އާ ވިސްނުންތަކެއް ވިސްނަންޖެހޭ: ރައީސް

އޮންލައިން ދުނިޔޭގައި އާ ނުރައްކާތަކެއް ކުޑަކުދިންނަށް ކުރިމަތިވަމުންދާ ކަމަށާއި މިއީ ކުޑަކުދިންގެ ހައްގުގައި މުދައްރިސުންނާއި ބެލެނިވެރިން، އާ ވިސްނުންތަކެއް ވިސްނަންޖެހޭ ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތާބުގައި އެ މަނިކުފާނު ވިދާޅުވީ މިއަދަކީ ކުޑަކުދިންގެ ހައްގުތަކަށް ރައްކާތެރިވުމަށާއި އެ ކުދިންނަށް އުފާވެރި މާޙައުލެއް ހޯދައިދިނުމަށް ކުރާ މަސައްކަތްތައް އާލާކޮށް ދިރުވުމަށް އާހިތްވަރަކާއެކު ޢަޒުމްތައް އާކުރަން ލިބޭ ވަރަށް މުހިންމު ފުރުސަތެއް ކަމަށެވެ.

އެގޮތުން އާއިލާގެ ތެރެއިންނާއި ސްކޫލް މާހައުލުން އެ ކުދިންނަށް ހިތްވަރުދީ، ރަނގަޅު މަގު ދައްކައިދިނުމަކީ، ކޮންމެ ބޮޑު މީހެއްގެ ވާޖިބެއް ކަމަށް ރައީސް ވިދާޅުވި އެވެ.

މިއަދުގެ ކުޑަކުދިންނަކީ، މާދަމާ ގައުމާ ހަވާލުވާނެ ޒުވާނުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ކުދިންނަކީ އިސްލާމީ ރިވެތި އުސޫލުތަކާއި ދިވެހިވަންތަ އާދަކާދަތަކަށް އަހުލުވެރިވެފައިވާ، އަހުލާގު ރަނގަޅު ބަޔަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި އެ ކުދިންނަށް ރަނގަޅު ތައުލީމާއި ތަރުބިއްޔަތު ދިނުމަކީ ސަރުކާރާއި މުޅި މުޖުތަމަޢުގެ ބޮލުގައި އެޅިފައިވާ ވަރަށް ބޮޑު ޒިންމާއެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

”ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކުޑަކުދިންނަށް ބޭނުންވާ ސިއްހީ ފަރުވާއާއި، ފެންވަރު ރަނގަޅު ތަޢުލީމު ކަށަވަރުކޮށްދިނުމަށެވެ. ދިވެހި ކޮންމެ ކުއްޖަކީ ސްކޫލް ސިސްޓަމްގެ ތެރެއިން ފުރުސަތު ލިބިގެން ހެދިބޮޑުވަމުން އަންނަ ކުއްޖެއްކަން ސަރުކާރުން މިދަނީ ކަށަވަރު ކުރަމުންނެވެ. އަދި ހަމައެހެންމެ، އެ ކުދިންނަށް ކުރިމަތިވާ އެކި ބާވަތުގެ ގޯނާތަކުން ރައްކާތެރިކޮށް، ސަލާމަތްތެރި މާޙައުލެއް ގާއިމުކޮށްދިނުމަކީ ދައުލަތުގެ އެންމެ އިސް އެއް ސިޔާސަތެވެ،“ ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ޒަމާނީ ތައުލީމާއި އަދި މުނިފޫހިފިލުވުމުގެ ފުރުސަތު ފަހިކުރުމަށް އެ ކުދިންގެ އަތަށް ދޭ ޒަމާނީ ވަސީލަތްތަކުގެ ސަބަބުން، ބައެއް ކުދިންނަށް އިއާދަނުކުރެވޭ މިންވަރުގެ ބޮޑެތި ނުރައްކާތައް ކުރިމަތިވަމުން އަންނަ ކަމަށެވެ.

”މިއީ މިފަދަ ދުވަހެއްގައި ކުޑަކުދިންގެ ޙައްޤުގައި މުދައްރިސުންނާއި ބެލެނިވެރިން، އާ ވިސްނުންތަކެއް ވިސްނަންޖެހޭ ދުވަހެކެވެ. ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް އެންމެން ގުޅިގެން ވިލުންތެރި މަސައްކަތްތަކެއް ކުރުމަށް އިލްތިމާސް ކުރަމެވެ،“ ރައީސް ވިދާޅުވި އެވެ.