ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ”އަދަދު“ ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ ގޮތު ސުވާލުކުރި އަދަދުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ރައީސް އޮފީހުން ނެރެފި އެވެ.
ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ސީދާ ގޮތުން ވެސް އަދި ނުސީދާ ގޮތުން ވެސް ދެއްކުން މަނާކޮށް އަދި އެފަދަ ކަމެއް ކޮށްފި ނަމަ، އެއީ ކޯޓު ހުރުމަތް ކެނޑުން ކަން ބަޔާންކޮށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ.
ރައީސް މުއިއްޒުގެ ހަފުތާ މީޑީއާ ބްރީފިންގައި ރައީސަށް ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން ޝަހުޒާން ސުވާލުކުރުމުން އެ މަނިކުފާނު ވިދާޅުވީ، އަދަދު ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީގެ ވާހަކަދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރާ ޝަހުޒާން ހިލާފުވެފައިވާ ކަމަށެވެ.
”މިހާރު ކޯޓުން އެ އޮތީ ގެގް އޯޑާއެއް ނެރެފަ. ޝަހުޒާން ތިވަނީ މިހާރު ކޯޓު އަމުރާ ހިލާފުވެފައި. އެހެންވީމާ އަޅުގަނޑު އެދެނީ ޝަހުޒާން މި މާލަން ދޫކޮށް ވަޑައިގަންނަވަން. ކަނޑައެޅިގެން ދޮގު ވާހަކައެއް، ދޮގު ތުހުމަތެއް އަޅުގަނޑުގެ ބޮލުގައި ތި އަޅުވަނީ،“ މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުމުން ޝަހުޒާން ނެރެލީ ރައީސް އޮފީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިންގެ އޮފިސަރުން ބޭނުންކޮށްގެންނެވެ.









