ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިންތިޒާމުކޮށް ބާއްވާ ޕްރެސް ކޮންފަރެންސްތަކަށް ހާޒިރުވުމުގެ ހުއްދަ އަދަދު ނޫހާއި އެ ނޫސް ތަމްސީލުކުރާ ނޫސްވެރިންނަށް ދޫނުކުރުމަށް ރައީސް އޮފީހުން ނިންމައިފިއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ އަދަދު ނޫހުގެ މީސްމީޑިއާ އެކައުންޓަކުން ދައުރުކޮށްފައިވާ ވީޑިއޯ ކޮންޓެންޓަކާ ގުޅޭ ޖިނާއީ މައްސަލައެއް ކްރިމިނަލް ކޯޓުގައި ހިންގަމުންދާތީއާއި، އެ ކަމާ ގުޅޭ މައްސަލައެއް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ކޮމިޝަނުން ވެސް ބަލަމުންދާތީއެވެ.
މީގެ އިތުރުން، ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި، ކްރިމިނަލް ކޯޓުން އިއްޔެ ކޮށްފައިވާ ކޯޓު އަމުރާ ހިލާފަށް އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން އަމަލުކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ ކޯޓު އަމުރަކީ ”ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގައި ކުރާ އަމުރު“ އެކެވެ.
ރައީސް އޮފީހުން ބުނީ މި ނިންމުން ނިންމާފައިވަނީ މީޑިއާ ރެގިއުލޭޝަން ގާނޫނުގެ 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީޑިއާތަކުން ނަގަހައްޓަންޖެހޭ ހަމަތަކާއި، 40 ވަނަ މާއްދާގައި ބަޔާންކުރާ ސުލޫކީ މިންގަނޑާއި، 44 ވަނަ މާއްދާއިން މީޑިއާތަކަށް މަތިކޮށްފައިވާ ތެދު މައުލޫމާތު ހާމަކުރުމުގެ ޒިންމާއަށް ރިއާޔަތްކޮށް، ޕްރެސް ކޮންފަރެންސް ކަވަރުކުރުމުގެ އުސޫލުގެ 13 ވަނަ މާއްދާއިން ރައީސް އޮފީހަށް ލިބިދޭ އިހުތިޔާރުގެ ދަށުން ކަމަށެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ބުނެވިދިޔަ މައްސަލަތައް ހިންގަމުންދާ މުއްދަތުގެ ތެރޭގައި ރައީސް އޮފީހުން ބާއްވާ އެއްވެސް ޕްރެސް ކޮންފަރެންސެއްގެ ހުއްދަ އަދަދު ނޫހަށް ދޫނުކުރާނެއެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ވަނީ އެ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދެއްކުން މަނާކޮށްފައެވެ. އަދި އެފަދަ ކަމެއް ކޮށްފި ނަމަ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބެލެވޭނެ ކަމަށް ވެސް އެ އަމުރުގައިވެއެވެ.
އެ އަމުރުގައިވަނީ ޑޮކިއުމެންޓްރީ މުޖުތަމައުގައި ދައުރުނުކުރުމާއި، އެއާ ގުޅޭ ވާހަކަ އެއްވެސް ސިފައެއްގައި ނުދެއްކުމާއި، މައްސަލައިގެ ހަސްމުންނާއި އަނިޔާ ލިބުނު ފަރާތުގެ ވާހަކަ އެއާ ގުޅުވައިގެން ނުދެއްކުމާއި، ޝަރީއަތާ ގުޅުންހުރި މައުލޫމާތާއި ލިޔުންތައް ނުފެތުރުމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކޯޓު އަމުރުތަކަށް ތަބާވުމަކީ އެންމެންގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ. އަދި ރާއްޖޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތް ނަމަވެސް، އިސްލާމްދީނާއި ގާނޫނުއަސާސީގެ އިންތަކުން ބޭރު ނުވެވޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެ ބައްދަލުވުމުގައި ޑޮކިއުމެންޓްރީއާ ގުޅޭ ގޮތުން ސުވާލުކުރި ”އަދަދު“ ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ވަނީ އެ ބައްދަލުވުމުން ނެރެފައެވެ.
މި މައްސަލައިގައި ”އަދަދު“ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުލަތުން ވަނީ ގަޒުފުކުރުމުގެ ދައުވާ އުފުލައިފައެވެ. ކުރިން ފުލުހަށް ހާޒިރުކުރުމުން އެ ދެ ބޭފުޅުން ވަނީ މަސްދަރު ހިމާޔަތްކުރުމުގެ ހައްގުގެ ދަށުން ހަނު ހުރުމުގެ އިހުތިޔާރު ބޭނުންކޮށްފައެވެ.
މީގެ އިތުރުން ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސްއާ ކުރި ސުވާލުތަކާ ގުޅިގެން ޝަހުޒާން މާދަމާ މެންދުރު 1:00 ގައި ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ވަނީ އަންގައިފައެވެ. އަދި ކޯޓުގެ އަމުރުގެ ހަބަރު ގެނެސްދިން ގޮތުން، އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު ވެސް މާދަމާ ހެނދުނު 9:00 ގައި ކޯޓަށް ހާޒިރުވުމަށް ވަނީ އަންގައިފައެވެ.









