އއ. ރަސްދޫގައި މީގެ ތިން ދުވަސް ކުރިން ހިންގި މާރާމާރީއެއްގައި އަނިޔާވި ޒުވާނެއްގެ މަންމަ، ލިބުނު ޝޮކެއްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ އެވެ.
މި މަހުގެ ނުވަވަނަ ދުވަހުގެ ދަންވަރު އެ މާރާމާރީ ހިންގީ ރަސްދޫގައި ގެސްޓްހައުސް އަދި ވޯޓާ ސްޕޯޓްސްގެ ވިޔަފާރިއެއް ހިންގަމުންދާ ޗައިނާ ބައެކެވެ. އެ މީހުން ދަގަނޑުބުރިއަކުން ހަމަލާ ދިނީ އެތަނުގައި ޑިންގީ ދުއްވުމަށް މަސައްކަތްކުރި ޒުވާން ދިވެހި ފިރިހެނަކަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޒުވާނާއަށް ހަމަލާ ދިނީ އޭނާއަށް ދޭންޖެހޭ ފައިސާތަކެއް ހޯދަން ދިއުމުންނެވެ.
އެނގިފައިވާ ގޮތުގައި އެ މާރާމާރީ ހިންގި ވަގުތު އަނިޔާވި ޒުވާނާގެ މަންމަ ހުރީ އެ ސަރަހައްދުގަ އެވެ. އަދި ދަނގަޑުބުރިން ދަރިފުޅުގެ ގައިގާ ޖެހިތަން ފެނުމުން މަންމަ ވަގުތުން ހޭ ނެތިގެން ވެއްޓުނުއިރު، ހާލު ދެރަވެގެން މާލެ ގެނެސް ފަރުވާ ދެމުން އައީ އައިޖީއެމްއެޗްގައެވެ.
ރަސްދޫ ކައުންސިލުގެ ރައީސް މުހައްމަދު ނާހިދު ’ހަފްތާ‘ އަށް މިއަދު ވިދާޅުވީ، އެ ރަށު ކާމިނީވިލާ/ ޒާހިދާ އިދުރީސް ނިޔާވީ ޝޮކާ ގުޅިގެން ސިކުނޑިއަށް ލިބުނު ގެއްލުމަށް އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނިކޮށް ކަމަށެވެ.
”ސިކުނޑިއަށް ލޭ އެޅިފައި ހުރެގެން ވެންޓިލޭޓަރުގައި ދެ ދުވަހަކު މިއޮތީ. އަނެކަކު (ދަރިފުޅު) ހާލު ރަނގަޅު. އޭނަ އިއްޔެ ދޫވެސް ކޮށްލައިފި ހޮސްޕިޓަލުން“ ރަސްދޫ ކައުންސިލުގެ ރައީސް ވިދާލުވި އެވެ.
މި މައްސަލައިގައި މާރާމާރީ ހިންގި ދެ މީހުން ހައްޔަރުކުރުމަށްފަހު ވަނީ ދޫކޮށްލައިފަ އެވެ. އެކަމާ ގުޅިގެން އެ ރަށުގައި ވަނީ މުޒާހަރާވެސް ކޮށްފަ އެވެ.









