ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ޖުމުލަ 3،907 ނަރުހުން މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ނަރުހުންގެ ދުވަހާ ގުޅިގެން ހެލްތް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރާ ނަރުހުންގެ 51 ޕަސެންޓު، 1،989 މީހުން މަސައްކަތް ކުރަނީ މާލެ ސަރަހައްދުގަ އެވެ. ރަށްރަށުގައި މަސައްކަތް ކުރަނީ 1،918 ނަރުހުންނެވެ.
މިނިސްޓްރީން ބުނީ ނަރުހުންގެ ތެރެއިން އަންހެނުންގެ އަދަދަކީ 3،593 ކަމަށެވެ. އެއީ ނަރުހުންގެ އާބާދީގެ 92 ޕަސެންޓެވެ. ފިރިހެނުން ނަރުހުންނަށް ތިބީ 314 މީހުންނެވެ.
ރާއްޖޭގައި މި ފަހަކާ ޖެހެންދެން ނަރުހުންގެ އާބާދީގެ ބޮޑު ބައެއް ހިއްސާކުރީ ބިދޭސީން ކަމަށްވީ ނަމަވެސް ރާއްޖޭގެ ނަރުހުންގެ އާބާދީގެ 64 ޕަސެންޓަކީ ދިވެހިންނެވެ. އެއީ 2،503 ނަރުހުންނެވެ. ބިދޭސީ ނަރުހުންގެ އަދަދަކީ 1،404 އެވެ.
މިނިސްޓްރީން ބުނީ، ނަރުހުންގެ ބޮޑު ޕަސެންޓެއް މަސައްކަތް ކުރަނީ ސަރުކާރުގެ ސިއްހީ ހިދުމަތް ދޭ ތަންތަނުގައި ކަމަށެވެ. އެގޮތުން ސަރުކާރުގެ ހޮސްޕިޓަލްތަކާއި މަރުކަޒުތަކުގައި 3,291 ނަރުހުން މަސައްކަތްކުރާއިރު، ޕްރައިވެޓް ސިއްހީ ހިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރަނީ 616 ނަރުހުންނެވެ.









