ޑްރާފްޓް އެޕްލިކޭޝަނާއެކު ބޯހިޔާވަހިކަމަށް އެދި 37000 ފޯމު, ބިން ލިބިފައި އޮތީ 10000 ފްލެޓަށް

ފޮޓޯ: އެޗް.ޑީ.ސީ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި މިހާތަނަށް 37,000 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އޭގެ ތެރެއިން 20,000 ފޯމު ފުރިހަމަކޮށް ހުށަހަޅާފައިވާ އިރު، 17,000 ފޯމު ވަނީ ޑްރާފްޓް މަރުހަލާގައި ކަމަށެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މިފަހަރުގެ ޕްރޮގްރާމުގައި ފޯމު ހުށަހެޅޭނީ ދެމަފިރިންގެ ތެރެއިން އެއްވެސް މީހެއްގެ ނަމުގައި ބޯހިޔާވަހިކަމެއް ނެތް ފަރާތްތަކަށް އެކަނި ކަމަށްވާ އިރު، މިހާ ގިނަ އަދަދެއްގެ އެޕްލިކޭޝަން ލިބުމަކީ ރާއްޖޭގައި ބޯހިޔާވަހިކަމަށް ބޭނުން ޖެހިފައިވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ. އެ މަޝްރޫއަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ހަމަވާނެއެވެ.

ބޯހިޔާވަހިކަމުގެ ބޭނުންޖެހިފައިވާ މީހުންގެ އަދަދު ގިނަ ނަމަވެސް، މާލޭ ސަރަހައްދުގައި މިވަގުތު ހައުސިން މަޝްރޫއުތައް ހިންގަން ބިން ލިބިފައިވަނީ 10,700 ފްލެޓަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ ކުރިން 12,000 ޔުނިޓު އެޅޭނެ ކަމަށް ލަފާކުރި ނަމަވެސް، ހުޅުމާލެ ތިންވަނަ ފިޔަވަހީގައި އެއާޕޯޓްގެ ސޭފްޓީ ކަރަންޓަށް ބަލައި އިމާރާތްތަކުގެ އުސްމިން 14 ފަންގިފިލާއަށް ތިރިކުރަން ޖެހުމުން ޔުނިޓުތަކުގެ އަދަދު މަދުވީއެވެ.

އިތުރު ބިން ހޯދުމަށްޓަކައި އެޗްޑީސީއާ ގުޅިގެން އެހެން ކަންކަމަށް ކަނޑައަޅާފައިވާ ބިންތަކާއި މާލޭގައި ހުރި ބިންތައް ބޯހިޔާވަހިކަމަށް ބަދަލުކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށްވެސް މުއްތަލިބް ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ 2008 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަސައްކަތްތަކުގެ ތަފްސީލުތައް ވެސް ދެއްވައިފައެވެ.

  • ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި: 1,500 ފްލެޓް.
  • ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި: ހިޔާ، ވިނަރެސް އަދި އެސްއޯއީ ފްލެޓްތަކާއެކު 10,000 އަށްވުރެ ގިނަ ޔުނިޓް (މިއީ އެންމެ ގިނަ ފްލެޓް އެޅުނު ދައުރު).
  • މިދިޔަ ސަރުކާރު: ފެށި 4,000 ފްލެޓްގެ މަސައްކަތް މި ސަރުކާރުން ވަނީ ނިންމާފައި.

މި ސަރުކާރުން މިހާރު ވަނީ މާލޭ ސަރަހައްދުގައި 3,260 ފްލެޓެއްގެ އަމަލީ މަސައްކަތް ފަށައިފައެވެ. ދައުލަތުގެ ދަރަނި ބޮޑުވުމުގެ ސަބަބުން މި ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަނީ ”އިނޮވޭޓިވް މޮޑެލް“ ތަކެއްގެ ދަށުންނެވެ. އޭގެ ތެރޭގައި ހިލޭ ބިން ދީގެން، އަމިއްލަ ކުންފުނިތައް މެދުވެރިކޮށް ކޮންޓްރޯލް އަގެއްގައި ވިއްކާ ގޮތަށް ހިންގާ މަޝްރޫޢުތައް ހިމެނޭކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން ބީއެމްއެލްގެ އެހީއާއި، ސައުދީ ފަންޑުގެ އެހީގެ އިތުރުން އިންޑިއާގެ އެލްއޯސީގެ ދަށުން ގުޅިފަޅުގައި 4,000 ޔުނިޓް އެޅުމަށް ކުރަންޖެހޭ ފައިނަލް މަސައްކަތްތައް ނިމިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަމިއްލަ ކުންފުނިތަކުން އިތުރު 3,000 އެއްހާ ފްލެޓު އެޅުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާތީ، އެކަން މިހާރު ވަނީ އިކޮނޮމިކް ކައުންސިލަށް ހުށަހަޅައިފައެވެ.