އޭޑީއެޗްޑީ ހުންނަ ފަރާތްތަކަށް ފަސްޓްލައިން ޓްރީޓްމަންޓެއްގެ ގޮތުގައި ބޭނުންކުރާ މިތައިލްފެނިޑޭޓް ރާއްޖެއިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގަރާރެއް ނެރުއްވައިފިއެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި މި ގަރާރުގެ ދަށުން، ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާ ބެހޭ ގާނޫނު) ގެ ޖަދުވަލު 1 ގައި މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ލިސްޓުގެ 89 ވަނަ ނަންބަރުގައި ހިމެނޭ މިތައިލްފެނިޑޭޓް އެ ލިސްޓުން އުނިކޮށް، ބޭހުގެ ގޮތުގައި ބޭނުންކުރެވޭނެ އެއްޗެއްގެ ގޮތުގައި ވަނީ ހަމަޖައްސަވައިފައެވެ.
ރައީސް މި ނިންމެވުން ނިންމެވީ ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ހުށަހެޅުއްވި ލަފައާ މެދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 4-3 ވަނަ މާއްދާގެ (ނ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ހުށަހެޅުއްވުމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 17 ވަނަ ޖަލްސާގައި 11 މެއި 2026 ގައި އެ ބޭސް ބޭހުގެ ގޮތުގައި ހަމަޖެއްސުމަށް ރުހުން ދިނުމަށް ފެނިވަޑައިގަންނަވާ ކަމަށް ވަނީ ފާސްކޮށްފައެވެ.
ރައީސް އޮފީހުން ބުނީ ނަންބަރު 10/2026 ގަރާރު މިހާރު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް އަމަލުކުރަން ފަށާފައިވާ ކަމަށެވެ. މި އިސްލާހާ އެކު އޭޑީއެޗްޑީ ހުންނަ ފަރާތްތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ މިތައިލްފެނިޑޭޓް ގާނޫނީ އޮނިގަނޑުގެ ތެރެއިން ރާއްޖެއިން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އެ އޮފީހުން ބުންޏެވެ.








