ނަޝީދު، މުއިއްޒަށް: ބިޑި އާއި ޗޭނު އެޅުވިޔަސް، ޑޮކިއުމެންޓަރީގެ ވާހަކަ ދައްކާނަން

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: މަޖިލިސް

ބިޑި އާއި ޗޭނު އަޅުވައި، ކުޑަގޮޅިއަށް ލިޔަސް، ”އައިޝާ“ ޑޮކިއުމެންޓަރީގެ ވާހަކަ ދައްކާނެ ކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ނަޝީދުގެ ކެމްޕޭންގެ ތެރެއިން ސްރީލަންކާގައި މިރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ ފިޔަވަޅުތައް އަޅަމުން ދިޔަކަމުގައި ވިޔަސް، ކުޑަ ތަންކޮޅެއް ވެސް ފަހަތަކަށް ނުޖެހޭނެ ކަމަށެވެ.

”މާދަމާ ވެސް އަނެއްކާ އަނދަގޮނޑީގައި އޮންނާން ޖެހިއްޖެ ނަމަ، ވަރަށް ތައްޔާރަށް އަޅުގަނޑުމެން މިތިބީ އަނދަގޮނޑީގައި ތިބުމަށް. ބިޑި އެޅުވިޔަސް، ޗޭނު ޖެހިޔަސް، އަނދަގޮނޑި ޖެހިޔަސް. ކުޑަގޮޅިއަށް ލިޔަސް، މި ވާހަކަ އިއްޒަތްތެރި ރައީސް އަޅުގަނޑުމެން ހުއްޓައެއް ނުލާނަން،“ ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިއަދު ރައްޔިތުން ހާސްވެ ކަންބޮޑުވާ ކަމަށާއި ބޭހާއި ގޭސް ނެތި، ފިހާރަތަކުގެ ހަރުތަކުން މުދާ ހުސްވާން ފަށައިފި ކަމަށެވެ. އަދި މިވަގުތު އަނެއްކާވެސް ފުންކޮށް ވިސްނައި ބޮޑު ބަދަލަކަށް ތައްޔާރުވާން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުން ނޫސްވެރިންނަށް ބިރު ދައްކަން ފަށައިފި ކަމަށާއި ކަންބޮޑުވަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސް އަޅާތީ ކަމަށެވެ. އަދި އެއީ ދިވެހީންގެ ތަނަވަސްކަމާ ގުޅިފައިވާ ކަންކަން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ވާހަކަތަކެއް ހިމަނައިގެން އަދަދު ނޫހުން ގެނެސްދިން ”އައިޝާ“ ޑޮކިއުމެންޓަރީގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އާދީއްތަ ދުވަހު އަމުރެއް ނެރެފައެވެ.

އަމުރުގައި ވަނީ އަދަދު ނޫހުން ގެނެސްދިން ”އައިޝާ“ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދެއްކުން މަނާކޮށްފައެވެ. އަދި އެފަދަ ކަމެއް ކޮށްފި ނަމަ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބެލެވޭނެ ކަމަށް ވެސް އެ އަމުރުގައިވެއެވެ.

އެ އަމުރުގައިވަނީ ޑޮކިއުމެންޓްރީ މުޖުތަމައުގައި ދައުރުނުކުރުމާއި، އެއާ ގުޅޭ ވާހަކަ އެއްވެސް ސިފައެއްގައި ނުދެއްކުމާއި، މައްސަލައިގެ ހަސްމުންނާއި އަނިޔާ ލިބުނު ފަރާތުގެ ވާހަކަ އެއާ ގުޅުވައިގެން ނުދެއްކުމާއި، ޝަރީއަތާ ގުޅުންހުރި މައުލޫމާތާއި ލިޔުންތައް ނުފެތުރުމަށެވެ.

އެ އަމުރު ނެރުނު ހަބަރު ގެނެސްދިން ގޮތުން އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު އަދި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސްއާ އެ ޑޮކިއުމެންޓަރީއާ ގުޅޭ ސުވާލުތަކެއް ކުރުމުން، ކްރިމިނަލް ކޯޓުން މިއަދު ވަނީ އެ ދެ ނޫސްވެރިން ޖަލަށްލާން ހުކުމްކޮށްފައެވެ. ކޯޓުގެ ހުރުމަތް ކަނޑާލާފައިވާ ކަމަށް ކަނޑައަޅައި ޝަހުޒާނަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ އިރު، ލީވާނަށް އިއްވާފައިވަނީ ދިހަ ދުވަހުގެ ޖަލު ހުކުމެކެވެ.

އެ މައްސަލައިގައި ”އަދަދު“ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުލަތުން ވަނީ ގަޒުފުކުރުމުގެ ދައުވާ އުފުލައިފައެވެ. ކުރިން ފުލުހަށް ހާޒިރުކުރުމުން އެ ދެ ބޭފުޅުން ވަނީ މަސްދަރު ހިމާޔަތްކުރުމުގެ ހައްގުގެ ދަށުން ހަނު ހުރުމުގެ އިހުތިޔާރު ބޭނުންކޮށްފައެވެ.