ނޫސްވެރިން ޖަލަށްލުމަކީ، މި ސަރުކާރުގެ ލަދުވެތި ބާބެއް: ސޯލިހު  

އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ޖަލަށް ލުމަކީ ނޫސްވެރިކަމަށް ބިރު ދައްކައި ރައްޔިތުންގެ އަޑު ކަނޑުވައިލަން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ލަދުވެތި ބާބެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވާހަކަތަކެއް ހިމަނައިގެން އަދަދު ނޫހުން ގެނެސްދިން ”އައިޝާ“ ޑޮކިއުމެންޓަރީގެ މައްސަލައިގައި ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައިވާ އިރު، އަދަދުގެ ދެ ނޫސްވެރިން ކަމަށްވާ ޝަހުޒާނާއި ލީވާން ޖަލަށް ލުމަށް އެ ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ.

އެކަމާ ގުޅިގެން ރައީސް ސޯލިހު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމުގެ ސާފު ހެއްކެއް ކަމަށެވެ.

”ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ދެކޮޅަށް ދޭ މި ހަމަލާތައް ކާމިޔާބެއް ނުވާނެ. ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދީފައިވާ ހައްގުތަކާއި މިނިވަންކަން ދިފާއުކުރުމުގައި އަޅުގަނޑުމެން ދުވަހަކުވެސް ފަހަތަކަށް ނުޖެހޭނަން،“ ރައީސް ސޯލިހު ވިދާޅުވިއެވެ.

މިދިޔަ އާދީއްތަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ އަދަދު ނޫހުން ގެނެސްދިން ”އައިޝާ“ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދެއްކުން މަނާކޮށްފައެވެ. އަދި އެފަދަ ކަމެއް ކޮށްފި ނަމަ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބެލެވޭނެ ކަމަށް ވެސް އެ އަމުރުގައިވެއެވެ.

އެ އަމުރުގައި ވަނީ ޑޮކިއުމެންޓްރީ މުޖުތަމައުގައި ދައުރުނުކުރުމާއި، އެއާ ގުޅޭ ވާހަކަ އެއްވެސް ސިފައެއްގައި ނުދެއްކުމާއި، މައްސަލައިގެ ހަސްމުންނާއި އަނިޔާ ލިބުނު ފަރާތުގެ ވާހަކަ އެއާ ގުޅުވައިގެން ނުދެއްކުމާއި، ޝަރީއަތާ ގުޅުންހުރި މައުލޫމާތާއި ލިޔުންތައް ނުފެތުރުމަށެވެ.

އެ އަމުރު ނެރުނު ހަބަރު ގެނެސްދިން ގޮތުން އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު އަދި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސްއާ އެ ޑޮކިއުމެންޓަރީއާ ގުޅޭ ސުވާލުތަކެއް ކުރުމުން، ކޯޓުގެ ހުރުމަތް ކަނޑާލާފައިވާ ކަމަށް ކަނޑައަޅައި ޝަހުޒާނަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ އިރު، ލީވާނަށް އިއްވާފައިވަނީ ދިހަ ދުވަހުގެ ޖަލު ހުކުމެކެވެ.

އެ މައްސަލައިގައި ”އަދަދު“ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުލަތުން ވަނީ ގަޒުފުކުރުމުގެ ދައުވާ އުފުލައިފައެވެ. ކުރިން ފުލުހަށް ހާޒިރުކުރުމުން އެ ދެ ބޭފުޅުން ވަނީ މަސްދަރު ހިމާޔަތްކުރުމުގެ ހައްގުގެ ދަށުން ހަނު ހުރުމުގެ އިހުތިޔާރު ބޭނުންކޮށްފައެވެ.