ހައްޔަރުކުރި ނޫސްވެރިން ވަގުތުން މިނިވަންކުރުމަށް ރައީސް ޔާމީން ގޮވާލައްވައިފި

ޕީއެންއެފްގެ ގައުމީ ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ޕީއެންއެފް

ޖަލު ހުކުމެއް އިއްވާފައިވާ އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން، ވަގުތުން މިނިވަންކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.

ރައީސް މުއިއްޒުގެ ވާހަކަތަކެއް ހިމަނައިގެން އަދަދު ނޫހުން ގެނެސްދިން ”އައިޝާ“ ޑޮކިއުމެންޓަރީގެ މައްސަލައިގައި ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައިވާ އިރު، އަދަދުގެ ދެ ނޫސްވެރިން ކަމަށްވާ ޝަހުޒާން 15 ދުވަހަށް އަދި ލީވާން ދިހަ ދުވަހަށް ޖަލަށް ލުމަށް އެ ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ.

އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ ”ނޫސްވެރިން ކުރަނީ ގައުމީ މަސައްކަތެއް. އަބުރު ރައްކާތެރިކުރުމުގެ ގޮތުން އަބުރުގެ ދައުވާކުރަން ދަސްކުރަމާތޯ“ ކަމަށެވެ.

މިދިޔަ އާދީއްތަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ އަދަދު ނޫހުން ގެނެސްދިން ”އައިޝާ“ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދެއްކުން މަނާކޮށްފައެވެ. އަދި އެފަދަ ކަމެއް ކޮށްފި ނަމަ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބެލެވޭނެ ކަމަށް ވެސް އެ އަމުރުގައިވެއެވެ.

އެ އަމުރުގައި ވަނީ ޑޮކިއުމެންޓްރީ މުޖުތަމައުގައި ދައުރުނުކުރުމާއި، އެއާ ގުޅޭ ވާހަކަ އެއްވެސް ސިފައެއްގައި ނުދެއްކުމާއި، މައްސަލައިގެ ހަސްމުންނާއި އަނިޔާ ލިބުނު ފަރާތުގެ ވާހަކަ އެއާ ގުޅުވައިގެން ނުދެއްކުމާއި، ޝަރީއަތާ ގުޅުންހުރި މައުލޫމާތާއި ލިޔުންތައް ނުފެތުރުމަށެވެ.

ލީވާން ދިހަ ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ އަމުރު ނެރުނު ހަބަރު ގެނެސްދިން ގޮތުންނެވެ. އަދި ޝަހުޒާން ޖަލަށް ލުމަށް ހުކުމްކުރީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސްއާ އެ ޑޮކިއުމެންޓަރީއާ ގުޅޭ ސުވާލުތަކެއް ކުރުމުންނެވެ. އެ ދެ ނޫސްވެރިން ވެސް ކޯޓުގެ ހުރުމަތް ކަނޑާލާފައިވާ ކަމަށް މިއަދު ވަނީ ކަނޑައަޅައިފައެވެ.

އެ މައްސަލައިގައި ”އަދަދު“ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުލަތުން ވަނީ ގަޒުފުކުރުމުގެ ދައުވާ އުފުލައިފައެވެ. ކުރިން ފުލުހަށް ހާޒިރުކުރުމުން އެ ދެ ބޭފުޅުން ވަނީ މަސްދަރު ހިމާޔަތްކުރުމުގެ ހައްގުގެ ދަށުން ހަނު ހުރުމުގެ އިހުތިޔާރު ބޭނުންކޮށްފައެވެ.