ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ވަޓްސްއެޕް ގުރޫޕުން އެ ޕާޓީގެ ސީނިއާ މެންބަރެއް ކަމަށްވާ ދިއްގަރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ބޭރުކޮށްލައިފި އެވެ.
ނާޒިމް ވަޓްސްއެޕް ގުރޫޕުން ބޭރުކޮށްލާފައިވާކަން ރައްޔިތުންގެ މަޖިލިހުގެ ޕީއެންސީގެ ބައެއް މެންބަރުން ވަނީ މި ނޫހަށް ކަށަވަރު ކޮށްދެއްވައިފަ އެވެ. ނަމަވެސް ސަބަބެއް ވިދާޅެއް ނުވެ އެވެ.
އެ ގުރޫޕްގެ އެޑްމިންގެ ގޮތުގައި އިންނަވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މަޖިލީހުގެ ނައިބް ރައީސްގެ މަގާމުން ނާޒިމް ވަކިކުރަން ޕީއެންސީގެ އެތެެރެއިން މަސައްކަތް ފަށާފައިވާ ކަމުގެ ވާހަކަތަކެއްވެސް މިފަހުން ފެތުރުނެވެ. ނަމަވެސް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު އެކަން ދޮގުކުރެއްވި އެވެ.
ނާޒިމަކީ ވެރިކަން ކުރާ އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ވެސް އޮންނަ ޕީއެންސީގައި އެންމެ ނުފޫޒު ގަދަ އެއް މެންބަރެވެ.
ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ވަޓްސްއެޕް ގުރޫޕުން ނާޒިމް ވަކިކުރި އިރު، މަޖިލީހުގެ އެންމެ ބާރު ގަދަ ދެ ކޮމިޓީ ކަމަށްވާ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި މާލިއްޔަތު ކޮމިޓީގައި ނާޒިމް ކުރިން އިންނެވި އެވެ. އެކަމަކު، އެ ދެ ކޮމިޓީން އޭނާ ވަކިކޮށް، މިހާރު ވަނީ މަޖިލީހުގެ އެންވަޔަރްމެންޓް ކޮމިޓީ އަށް ބަދަލުކޮށްފަ އެވެ.









