ކޮރަޕްޝަންގެ މައްސަލަތައް ބަލާތީ މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން ސޮއި ހަމަކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ---

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މަގާމުން ވަކިކުރަން މަޖިލިހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމައި، އެކަމަށް ބޭނުންވާ އަދަދަށް ސޮއި ހަމަކޮށްފި އެެވެ.

ޕީއެންސީގެ މަޖިލިސް މެންބަރަކު ’ހަފްތާ‘ އަށް ވިދާޅުވި ގޮތުގައި ނައިބު ރައީސްގެ މަގާމުން ނާޒިމް ވަކިކުރުމަށް ބޭނުންވާ ސޮއި މިހާރު ވަނީ ހަމަވެފަ އެވެ. އެގޮތުން ނާޒިމް ވަކިކުރުމުގެ މައްސަލައިގައި މިހާތަނަށް 40 މެންބަރަކު ސޮއި ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގައި 93 މެމްބަރުން ތިއްބަވާއިރު އޭގެ ތެރެއިން ޕީއެންސީގެ މެމްބަރުންގެ އަދަދަކީ 76 އެވެ.

މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ރައީސް މަގާމުން ވަކިކުރަން ހުށަހެޅޭނީ މަދުވެގެން ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާ އެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ މަދުވެގެން 24 މެމްބަރުންނެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ’ހަފްތާ‘ އަށް މައުލޫމާތު ދިން ޕީއެންސީގެ މެންބަރު ވިދާޅުވި ގޮތުގައި މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ވަކިކުރަން މަސައްކަތް ކުރަނީ ކޮރަޕްޝަންގެ މައްސަލަތައް ބަލަން އުޅޭތީ އެވެ. އޭގެ ތެރޭގައި ފުލުހުންގެ ހައުސިން ޕްރޮޖެކްޓް (ބްލޫސް ހައުސިން ޕްރޮޖެކްޓް) އާ ގުޅިގެން ކުރެވޭ ކޮރަޕްޝަން ތުހުމަތުތައް ހިމެނެ އެވެ.