ސަފާރީއަކުން ޑައިވިނަށް ދިޔަ ފަސް މީހުން ތިބީ 200 ފޫޓު ހުންނަ ”ކޭވް“ އެއްގެ ތެރޭގައި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ވ. އަތޮޅުގައި އޮތް ސަފާރީ އަކުން ޑައިވިނަށް ދިޔަ އިޓަލީގެ ފަސް ފަތުރުވެރިޔަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު މިއަދު 13:45 ހާއިރު ވަނީ ރިޕޯޓުކޮށްފައެވެ. އަދި އެ ފަސް މީހުން ފެނިފައިވާ އިރު، އެ އެންމެން ވެސް މަރުވެފައިވާ ކަމަށް އޭރު ފުލުހުން ބުނެފައިވެއެވެ.
ނަމަވެސް ފަހުން ފުލުހުން ބުނީ އެ ހާދިސާގައި ގެއްލިފައިވާ އެންމެން ފެނިފައިވާ ކަމަށް ބުނެފައިވަނީ ހޯދުމުގެ މަސައްކަތް ކުރުމުންދިޔަ މީހުންނަށް އެރި އޮޅުމަކުން ކަމަށާއި ފެނިފައިވަނީ އެކަކު ކަމަށެވެ. އަދި އެހެން މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.
އެމްއެންޑީއެފުން މިރޭ ބުނީ ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ފަސް ޑައިވަރުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި ޑައިވަރުން ގެއްލިގެން އުޅޭކަމުގެ ރިޕޯޓް، އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ)އަށް މިއަދު 13:45 ހާއިރު ލިބުމާއެކު، އެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފުން ދިޔައީ ކުރަމުން ކަމަށެވެ. އެ މަސައްކަތުގައި ސަފާރީ އާއި، ވ. އަތޮޅު ޕޮލިސް ސްޓޭޝަނުގެ އިތުރުން އަލިމަތާ ރިސޯޓުގެ އެހީތެރިކަންދަނީ ލިބެމުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެކެއްގެ ހަށިގަނޑު ފެނިފައިވަނީ، އެމީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސަފާރީގެ ޑައިވަރުންނަށް، މިއަދުގެ 18:13 ހާއިރު މޫދު އަޑިން ކަމަށާއި އެމީހާގެ ހަށިގަނޑު މިހާރުވަނީ ވ. ފުލިދޫ ހެލްތު ސެންޓަރަށް ގެންގޮސްފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އެމީހާގެ ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ކޭވްއެއްގެ ތެރެއިން ކަމަށާއި ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ އެ ކޭވްގެ ތެރޭގައި މިއީ ވަރަށް ނުރައްކާތެރި ހައި ރިސްކް އޮޕަރޭޝަނަކަށް ވާތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ހާއްސަ ސާމާނު މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވާފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ އޮޕަރޭޝަން ނިމެންދެން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީ އެ ސަރަހައްދުގައި ހަރަކާތްތެރިވާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.









