ހަމަހޭގައި ތިބި ދިވެހި ރައްޔިތުން އެމްޑީޕީގެ ވެރިކަމެއް ދެން ބޭނުމެއް ނުވާނެ: ރައީސް 

ޕީއެންސީގެ ހަރުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ޕީއެންސީ

ހަމަހޭގައި ތިބި ދިވެހި ރައްޔިތުން އެމްޑީޕީގެ ވެރިކަމެއް އިތުރަށް ބޭނުންނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމްޑީޕީގެ ވެރިކަންތަކުގައި ކަންކަން ހިނގައިދިޔަ ރައްޔިތުންނަށް އެނގޭނެ ކަމަށާއި ދީނީ ސިޔާސަތުތައް އޮތް ގޮތް އެނގޭނެ ކަމަށެވެ.

ދީނަށް ހަޖޫ ޖަހައި އެމްޑީއެންއެން އިން ރިޕޯޓެއް ނެރުމުން ވެސް އެ ފަރާތްތައް ތިބީ ސަރުކާރުގެ އެކި ވަޒީފާތަކުގައި ކަމަށާއި އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ގެންގުޅުނީ ދީނާ ދުރު ސިޔާސަތުތަކެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކަށް އޮންނާނީ އިސްލާމްދީނަށް ނަސްރު ދިނުމަށް ކަމަށާއި މި ސަރުކާރުން ގަބޫލުކުރާ ސިޔާސަތަކީ އެއީ ކަމަށެވެ. އަދި ބޭރުގެ ޖަމިއްޔާއަކުން އެކަމާ ދެކޮޅަށް ވާހަކަދެއްކިޔަސް، އެއްވެސް ފަރުވާލެއް ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ހަމަހޭގައި ތިބި ދިވެހި ރައްޔިތުން އަނބުރާ އެ ސިޔާސަތުތައް ބޭނުންނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިދިޔަ ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ކިތަންމެ ވާހަކައެއް ދައްކާފައިވީ ނަމަވެސް، އެމްއެމްޕީއާރުސީގެ ވައްކަމުގެ މައްސަލަ ބެލިފައިނުވާ ކަމަށާއި އެންމެ އިސްކޮށް ތިބި މީހުން ދޫކޮށްލާފައިވާ ކަމަށެވެ.