ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުގައި ގުޅިގެން މިހާރު ކުރައްވަނީ ގައުމީ މަސައްކަތެއް ކަމަށާއި ސިޔާސީ މަސައްކަތްތަކާ ގުޅޭ މަޝްވަރާކުރައްވާނީ ފަހުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
ގައުމު ހަމަމަގަށް އެޅުވުމުގެ ނަމުގައި ރައީސް ޔާމީނާއި ރައީސް ނަޝީދު އަދި ރައީސް ސޯލިހު މިރޭ ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވައިފައެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔާމީން ވިދާޅުވި ގޮތުގައި މިހާރު ކުރައްވަނީ ގައުމީ މަސައްކަތެއް ކަމަށާއި ސިޔާސީ މަސައްކަތްތަކާ ގުޅޭ މަޝްވަރާ ކުރައްވާނީ ފަހުން ކަމަށެވެ. އެ ގޮތުން ސިޔާސީ މަސައްކަތްތައް ކޮންމެ ރައީސަކު ވަކިވަކިން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ހިޔާލު ތަފާތުވިޔަސް ނަޝީދާއި ސޯލިހާއެކު މަސައްކަތް ކުރެއްވޭނެ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ މިހާރުގެ ސަރުކާރުން ފެންނަނީ ހުދުމުހުތާރު ވެރިކަމެއްގެ ސިފަތައް ކަމަށާއި ރައްޔިތުންގެ ހައްގުގައި ނުކުތުމަކީ އެ ބޭފުޅުންގެ ޒިންމާއެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ޔާމީން ވިދާޅުވީ ތައްޔާރު ކުރަނީ ރިޔާސީ މެނިފެސްޓޯއެއް ނޫން ކަމަށާއި ހޯދަން އުޅެނީ މުޖުތަމައު މިނިވަން ކުރެވޭނެ ގޮތެއް ކަމަށެވެ. އަދި އެކަމުގައި ހިޔާލުތަފާތުވުމުގައި ކުޑަވެސް ފަރަގެއް ނެތް ކަމަށް ޔާމީން ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އަޑުއައްސަވަންދެން އެ މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށާއި ސުލްހަވެރިކަމާ އެކު ވަރަށް ވަރުގަދައަށް ޑިމާންޑްތައް ކުރަމުން ގެންދަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.









