މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރަކަށް މީކާއިލް 

ޑެޕިއުޓީ މޭޔަރުކަމަށް ވާދަކުރާނެ ކައުންސިލަރެއް ހޮވުމަށް އެމްޑީޕީން ބޭއްވި ޕްރައިމަރީގައި މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު މީކާއިލް މުހައްމަދު ރިޔާޒް ވޯޓުލައްވަނީ -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީ ކާމިޔާބުކުރެއްވުމަށްފަހު، މެދު ހެންވޭރު ދާއިރާގެ ކައުންސިލް މެމްބަރު މީކާއިލް މުހައްމަދު ރިޔާޒް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް މިއަދު ހޮވިވަޑައިގެންފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ އޮންނަ އެމްޑީޕީން މިއަދު ބޭއްވި ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި މީކާއިލް ވާދަކުރެއްވީ ހަތަރު ބޭފުޅަކާއެވެ. އެ ޕްރައިމަރީގައި މީކާއިލަށް ހަތް ވޯޓު ލިބިވަޑައިގެންނެވި އިރު، ހުޅުމާލޭ އުތުރު ދާއިރާގެ ފާތިމަތު ޒަހިއްޔާ (ޒާޔާ)އަށް ފަސް ވޯޓު، މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު މުހައްމަދު ރިލްވާން އަލީއަށް ދެ ވޯޓު، އަދި މާފަންނު މެދު ދާއިރާގެ ކައުންސިލަރު އާއިޝަތު ހަނާއަށް ދެ ވޯޓު ލިބިވަޑައިގެންނެވިއެވެ.

ޕްރައިމަރީ ކާމިޔާބުކުރެއްވުމާ ގުޅިގެން އެމްޑީޕީން ވިޕްލައިނެއް ނެރުނެވެ. އެއަށްފަހު ބޭއްވި ސިޓީ ކައުންސިލްގެ އައު ދައުރުގެ ފުރަތަމަ ރަސްމީ ޖަލްސާގައި މީކާއިލްގެ ނަން އެކަނި ހުށަހެޅުމުން، އިތުރު ވޯޓަކާ ނުލައި އެ މަގާމަށް ހޮވިވަޑައިގެންނެވީއެވެ. ކައުންސިލްގެ ޑެޕިއުޓީ މޭޔަރުކަމަށް އެކަކު ކުރިމަތިލައިފި ނަމަ ވޯޓަކާ ނުލައި އެ މީހަކު އިންތިހާބުވާ ގޮތަށް އޮންނަނީ ހަމަޖެހިފައެވެ. މާލޭ ސިޓީ ކައުންސިލްގައި މޭޔަރު ހިމެނޭ ގޮތަށް 18 ކައުންސިލަރުން ތިއްބަވައެވެ.

މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ހޮވުނު ކައުންސިލަރުން މިއަދު ހެނދުނު ހުވާކޮށްފައިވާއިރު، އެލްޖީއޭ އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދު މެންދުރު 12 ޖެހުމާ ހަމައަށް 372 ކައުންސިލަރުން ހުވާކުރިއެވެ. ހުވާކުރަން ހަމަޖެހިފައިވަނީ ޖުމްލަ 676 ކައުންސިލަރުންނެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 662 މެމްބަރުން މިއަދު އިގުރާރުގައި ސޮއިކުރަން ހަމަޖެހިފައިވެއެވެ.

މިފަހަރުގެ ދެ އިންތިހާބުގައި ޖުމްލަ 1،362 މެމްބަރުން ހޮވާފައިވާ އިރު، ބައެއް ކައުންސިލަރުންގެ ހުވާކުރުން މިއަދު ކުރިއަށް ގޮސްފައިނުވަނީ ވޯޓުގައި ބައެއް މައްސަލަތަކެއް ހުރުމުންނެވެ.