ރައީސް މިއަދު ބާއްވަން އޮތް ނޫސްވެރިންގެ ބައްދަލުވުން ކެންސަލް!

ރައީސް ޑރ. މުހައްމަދު މުއިއްޒު ---

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮންމެ ހޯމަ ދުވަހަކު ބާއްވަމުން ގެންދަވާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން މިއަދު ބާއްވަން ތާވަލުކުރި ބައްދަލުވުން ކެންސަލްކޮށްފި އެވެ.

މިއަދަށް ތާވަލުކުރި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވުމަށް ބޭނުންވާ މީޑިއާތަކަށް އިއްޔެގެ ވަގުތެއްގައި ރައީސް އޮފީހުން ދައުވަތު ފޮނުވި އެވެ. ނަމަވެސް ބައްދަލުވުން ކެންސަލްކުރިކަން ރައީސް އޮފީހުން ނޫސްވެރިންނަށް އަންގާފައިވަނީ މިއަދު ހެނދުނު 08:35 ހާއިރެވެ.

ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ބައެއް މީޑިއާތަކަށް ވިދާޅުވީ، ބައްދަލުވުން ކެންސަލް ކުރީ ރައީސަށް ވަގުތު ދެވެން ނެތުމުން ކަމަށެވެ. އެގޮތުން ޑިޕްލޮމެޓިކް ބައެއް މަސައްކަތްތަކާއި އިޓަލީގެ ފަސް ފަތުރުވެރިންނަށް ދިމާވި ހާދިސާއާ ގުޅުންހުރި މުހިންމު މަސައްކަތްތަކެއް ހުރުމުން ރައީސަށް މިއަދު ވަގުތު ދެވެން ނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި އެ މަނިކުފާނު ދަތުރެއް ކުރަންޖެހުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން، ނުވަތަ އެ ނޫންވެސް ޝެޑިއުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރިނުވާހާ ހިނދަކު ނޫސްވެރިންގެ ބައްދަލުވުން އޮންނާނެ އެވެ.