ވ. އަތޮޅު ހޮހަޅައަށް ފީނަނިކޮށް މަރުވި އިޓަލީގެ ޑައިވަރުގެ ހަށިގަނޑު މިރޭ އިޓަލީއަށް ފޮނުވާލުމުގެ މަސައްކަތް ފަށައިފިއެވެ.
މިމަހުގެ 14 ގައި ހިނގި މި ހާދިސާގައި، އިޓަލީގެ ފަސް ފަތުރުވެރިންގެ ތެރެއިން ޖިއަންލޫކާ ބެނެޑެއްޓީގެ ހަށިގަނޑު ފެނިފައިވަނީ ހޮހަޅައިގެ ދޮރުމަތިންނެވެ. އޭނާގެ ހަށިގަނޑު އިޓަލީގެ މިލާނަށް ފޮނުވުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖެގަޑިން 10:20 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ތުރުކީ އެއާލައިންސްގެ TK 735 ފްލައިޓުގައެވެ. މި ފްލައިޓް އިޓަލީއަށް ދިއުމުގެ ކުރިން އިސްތަންބޫލްގައި މަޑުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ހާދިސާގައި ގެއްލުނު އަނެއް ހަތަރު ޑައިވަރުންގެ ހަށިގަނޑު، ބައިނަލްއަގުވާމީ މާހިރުންގެ އެހީތެރިކަމާއެކު މިއަދު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ވަނީ ހޮހަޅައިގެ ތިންވަނަ ބައިގެ އެތެރެއިން ހޯދާފައެވެ.
މި ހަށިގަނޑުތައް ހޮހަޅައިގެ އަޑިން ފެނިފައިވަނީ، ފުން ކަނޑުތަކުގެ ހޮހަޅުތަކަށް ފީނުމުގެ ހާއްސަ ތަޖުރިބާ ލިބިފައިވާ ފިންލެންޑުގެ މާހިރުން ކަމަށްވާ ސާމީ ޕާއްކަރިނެން، ޖެނީ ވެސްޓާލަންޑް އަދި ޕެޓްރިކް ގްރޮންކްވިސްޓް ހޮހަޅައިގެ އެތެރެއަށް ފީނައިގެން ބެލި ބެލުމުންނެވެ.
ކަނޑުގެ އަޑީގެ ފުންމިނާއި، ހޮހަޅައިގެ ހަނި ގޯޅިތަކުގެ އިތުރުން ނުރައްކާތެރި އޮއިވަރުގެ ސަބަބުން މި އޮޕަރޭޝަން އަދިވެސް އޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައެވެ. ދިވެހި ސަރުކާރާއި ބައިނަލްއަގުވާމީ ތަޖުރިބާކާރުން މިހާރު ދަނީ ހޮހަޅައިގެ އެތެރޭގައިވާ އަނެއް ހަތަރު ހަށިގަނޑު ރައްކާތެރިކަމާއެކު މައްޗަށް ނެގޭނެ ގޮތްތަކުގެ އެންމެ ފަހުގެ އެސެސްމަންޓްތައް ހަދަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައިވަނީ ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތަކީ ސަރުކާރުން އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ.









