ހޮހަޅައިގެ ތެރޭ މަރުވި އަނެއް ދެ ޑައިވަރުންގެ ހަށިގަނޑު ފެނުން މައްޗަށް ނަގައިފި

ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހޮޅައެއްގައި ތާށިވެ، މަރުވި އިޓަލީގެ ހަތަރު ޑައިވަރުންގެ ތެރެއިން އިއްޔެ ފެނުން މައްޗަށް ނުނެގޭ ދެ މީހުންގެ ހަށިގަނޑު ވެސް މިއަދު ނަގައި ރެސްކިއު އޮޕަރޭޝަން ނިންމާލައިފި އެވެ.

މިޔަރު ކަނޑު ކޭވްގެ ނަމުން މަޝްހޫރު އެ ހޮހޮޅައަށް ފީނަން ގޮސް އުޅެނިކޮށް މި މަހުގެ 14 ވަނަ ދުވަހު ގެއްލުނީ ފެޑެރިކޯ ގުއަލްޓިއޭރީ އާއި ޖިއަންލޫކާ ބެނެޑެޓީ އާއި ޕްރޮފެސަރު މޮނިކާ މޮންޓެފަލްކޯން އަދި އޭނާގެ ދަރިފުޅު ޖޯޖިއާ ސޮމާކަލް އެވެ. ދެން ހިމެނެނީ ހަމަ އެ ގައުމުގެ ޑައިވިން އިންސްޓްރަކްޓަރެއް ކަމަށްވާ މިއުރިއަލް އޮޑެނީނޯ އެވެ.

މިއުރިއަލްގެ ހަށިގަނޑު ހަމަ އެ ދުވަހު ކަނޑުއަޑިން ފެނުނެވެ. އޭނާގެ ހަށިގަނޑު ފެނުނީ ޑައިވަރުން ގެއްލުނު ހޮހޮޅަ ތެރެއިންނެވެ.

އަނެއް ހަތަރު މީހުންގެ ހަށިގަނޑު ހޮހަޅައިގެ ފުނުން މިދިޔަ ހޯމަ ވަނީ ލޮކޭޓްކޮށް، އޭގެ ތެރެއިން ދެ ޑައިވަރެއްގެ ހަށިގަނޑު އިއްޔެ މޫދު އަޑިން ވަނީ ނަގައިފަ އެވެ. އިއްޔެ ނަގާފައިވަނީ ޕްރޮފެސަރު މޮނިކާ އާއި ފެޑެރިކޯގެ ހަށިގަނޑެވެ.

ޑައިވަރުންގެ ހަށިގަނޑުތައް ނެގުމުގެ މަސައްކަތް ކުރަމުންދަނީ ޑައިވަރުންގެ ރައްކާތެރިކަމާ ގުޅޭ ކަންކަން ބަލަހައްޓާ އެމެރިކާގެ އަމިއްލަ ބޮޑު ޖަމިއްޔާއެއް ކަމަށްވާ ޑައިވާސް އެލާޓް ނެޓްވޯކް (ޑޭން) ޔޫރަޕުގެ ތަޖުރިބާކާރު ފިންލެންޑުގެ ޑައިވަރުންނެވެ.

ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފު (މުންދު) މިއަދު ’ހަފުތާ‘ އަށް ވިދާޅުވީ، ގެއްލުނު ޑައިވަރުންގެ ހަށިގަނޑު ނެގުމު މަރުހަލާ ޖުމުލަ ގޮތެއްގައި ނިމިފައިވާ ކަމަށެވެ.

”ފުލުހުން މިހާރު އެ ކުރައްވާ ކަމަކީ ފޭސް އައިޑެންޓިފިކޭޝަން އިޒް ކޮމްޕްލީޓް. އިއްޔެ ނެގުނީ އޮޑެނީނޯ، ގައިޑް ގެ ހަށިގަނޑާއި ޕްރޮފެސަރު މޮނިކާ ކިޔާ ބޭފުޅާގެ ހަށިގަނޑާ. ދެން އަނެއް ދެ ބޭފުޅުން މިއަދު އެ ނެގުނީ. އެހެންވެ މި ފޭސް އައިޑެންޓިފިކޭޝަން އިޒް ޑަން. އެކަމު އެޑްވާންސް ފޮރެންސިކް އައިޑެންޓިފިކޭޝަން އެބަ ކުރިއަށްދޭ“ މުންދު ވިދާޅުވި އެވެ.