ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް (ސްޓޭޓް ފާމާ) ގެ ކޮމާޝަލް ޑިވިޝަނަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އިއުލާންކޮށްފިއެވެ.
އެ ކުންފުނިން އިއުލާންކޮށްފައިވަނީ ”ފާމަސިސްޓް“ އަދި ”ފާމަސޫޓިކަލް އެސިސްޓަންޓް“ ގެ މަގާމަށް މުވައްޒަފުން ހޯދުމަށެވެ. މި ދެ މަގާމަށް ޖުމްލަ 19 މުވައްޒަފުން ބޭނުންވާކަމަށް ސްޓޭޓް ފާމާގެ އިއުލާނުގައިވެއެވެ. މިއީ މާލޭގައި މަސައްކަތްކުރަންޖެހޭ، ފުލްޓައިމް ވަޒީފާތަކެކެވެ.
މި ވަޒީފާތަކަށް ހޮވޭ މުވައްޒަފުންނަށް މަހަކު 12،000 ރުފިޔާއާއި 15،000 ރުފިޔާއާ ދެމެދުގެ މުސާރައެއް ލިބޭނެއެވެ.
ސްޓޭޓް ފާމާއިން ބުނީ މި މަގާމުތަކަށް ކުރިމަތިލެވޭނީ ޝަރުތު ހަމަވާ، ތަޖުރިބާހުރި ދިވެހި ރައްޔިތުންނަށް އެކަނި ކަމަށެވެ. އަދި ވަޒީފާގެ މަސްއޫލިއްޔަތުތަކާއި، ބޭނުންވާ ތައުލީމީ ފެންވަރާއި ގާބިލުކަމުގެ ތަފްޞީލްތައް އެ ކުންފުނީގެ އިއުލާނާއެކު އެޓޭޗްކުރެވިފައިވާ ލިޔެކިޔުންތަކުގައި ހިމެނިފައިވާނެ ކަމަށްވެސް ބުނެފައިވެއެވެ.
މި ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކުން ބޭނުންވާ ހުރިހާ ލިޔެކިޔުންތަކާއެކު އީމެއިލް މެދުވެރިކޮށް ހުށަހަޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓް ފާމާ) އަކީ ދިވެހިރާއްޖެއަށް ބޭނުންވާ ބޭހާއި ބޭސްފަރުވާގެ ސާމާނު އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުގެ ހިއްސާއާއެކު އުފައްދާފައިވާ ކުންފުންޏެކެވެ. މި ކުންފުނީގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ބާޒާރުގައި ބޭހުގެ އަގުތައް އެއްވަރެއްގައި ހިފަހައްޓައި، ރައްޔިތުންނަށް އަތްފޯރާފަށުގެ އަގުތަކެއްގައި މާކެޓުން ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، މެދުކެނޑުމެއްނެތި ފެންވަރު ރަނގަޅު ބޭސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ފޯރުކޮށްދިނުމެވެ.







