ކަނޑުގަދަވާނެތީ ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި

މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެފައި ކަނޑުތައް ގަދަވާނެތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ކޯސްޓްގާޑުން އިލްތިމާސްކޮށްފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ކުރިއަށް އޮތް ދުވަސްތަކުގައި ވައިބާރުވެ، ކަނޑުތައް ގަދަވެފައި ވިއްސާރަކުރާނެކަމަށް ލަފާކޮށްފައިވާތީ، ކޯސްޓްގާޑުން ވަނީ ސަލާމަތީ ފިޔަވަޅުތަކަށް ބޯލެނބުމަށް އަންގައިފައެވެ. އެގޮތުން ކަނޑުދަތުރެއް ފެށުމުގެ ކުރިން، އަންގަންޖެހޭ ކަމާބެހޭ ފަރާތްތަކަށް ދަތުރުގެ މައުލޫމާތު އެންގުމަށްފަހު ނޫނީ ދަތުރު ނުފެށުމަށް ވަނީ އިރުޝާދު ދީފައެވެ.

މީގެއިތުރުން، ދަތުރުކުރާ އުޅަނދުފަހަރުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމުތަކާއި، ދިޔަހިއްކާ ޕަންޕު ފަދަ ސަލާމަތީ ވަސީލަތްތައް ހުރީ ރަނގަޅު ހާލަތެއްގައިތޯ ޗެކްކުރުމަށް ކޯސްޓްގާޑުން އެދެއެވެ. ހާއްސަކޮށް މުދާ އުފުލާ އުޅަނދުފަހަރުން، އެކަށީގެންވާ މިންވަރަށްވުރެ އިތުރަށް މުދާ ބަރުނުކުރުމަށާއި، އުޅަނދުގައި ހުރި މުދާތައް ރަނގަޅަށް ބަނދެފައި ބެހެއްޓުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ ދަތުރުވެރިން އަބަދުވެސް ލައިފްޖެކެޓް އަޅައިގެން ތިބުމަށާއި، އިތުރަށް ސަމާލުވުމަށް އެދިފައެވެ. ހަމައެއާއެކު، ޑައިވިން އަދި ވޯޓާ ސްޕޯޓްސްގެ ހިދުމަތްދޭ ފަރާތްތަކުންވެސް މޫސުމަށް ބަލައިގެން ހަރަކާތްތައް ރޭވުމަށާއި، މެޓް އޮފީހުން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް އެއްވެސް ދަތުރެއް ނުކުރުމަށް ކޯސްޓްގާޑުން ވަނީ ހަރުކަށިކޮށް އިލްތިމާސްކޮށްފައެވެ.