ރާއްޖޭގެ ރަށްރަށާއި ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ މުސާރަ ބޮޑުކޮށް، އެ ރައީސުންނަކީ ފުލްޓައިމްކޮށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ނިންމައިފިއެވެ.
މި ބަދަލާ އެކު ސިޓީތަކުގެ ޑަބްލިޔުޑީސީ ރައީސުންނަށް މުސާރައާއި އެލަވަންސް ހިމެނޭ ގޮތުން މަހަކު 41،500 ރުފިޔާ ލިބޭނެއެވެ. އެއީ މުސާރައިގެ ގޮތުގައި 33،000 ރުފިޔާއާއި ލިވިން އެލަވަންސްގެ ގޮތުގައި 8،500 ރުފިޔާއެވެ. ކުރިން ސިޓީތަކުގެ ޑަބްލިޔުޑީސީ ރައީސުންނަށް ލިބެމުން އައީ މަހަކު 7،000 ރުފިޔާއެވެ.
ރަށްރަށުގެ ޑަބްލިޔުޑީސީ ރައީސުންނަށް މަހަކު 21،000 ރުފިޔާ ދިނުމަށް ވަނީ ނިންމައިފައެވެ. އެއީ މުސާރައިގެ ގޮތުގައި 16،500 ރުފިޔާއާއި ލިވިން އެލަވަންސްގެ ގޮތުގައި 4،500 ރުފިޔާއެވެ. ކުރިން ރަށްރަށުގެ ޑަބްލިޔުޑީސީ ރައީސުންނަށް ލިބެމުން އައީ މަހަކު 6،000 ރުފިޔާއެވެ.
މީގެ އިތުރުން ނައިބު ރައީސުންނާއި މެމްބަރުންގެ މުސާރައަށް ވެސް ބަދަލު ގެނެސްފައިވެއެވެ. ޑަބްލިޔުޑީސީގެ ނައިބު ރައީސުންގެ މުސާރަ 7،000 ރުފިޔާއަށް ބޮޑުކުރުމުގެ އިތުރުން، ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް 500 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ކަނޑައަޅައިފައެވެ.







