ލަންކާއަށް ދަތުރުކުރުމުގެ ކުރިން އީޓީއޭ ހޯދަން ޖެހޭ ގޮތަށް އަލުން ހަދައިފި 

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޑޮމެސްޓިކް ޓާމިނަލް (ޓީ2)ގެ އެރައިވަލް އިން ދަބަސް ނަގައިގެން ދެ މީހަކު ނުކުންނަނީ ---

މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ސްރީ ލަންކާއަށް އެތެރެވުމުގެ ކުރިން އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (އީޓީއޭ) ހޯދުން އަލުން މަޖުބޫރުވާނެ ކަމަށް ރާއްޖޭގައި ހުންނަ ލަންކާ ހައި ކޮމިޝަނުން ބުނެފިއެވެ.

ހައި ކޮމިޝަނުން މިއަދު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ ޓޫރިސްޓުންގެ ގޮތުގައި ލަންކާއަށް ދާ ހުރިހާ ބޭރު ގައުމުތަކެއްގެ މީހުން ވެސް ދަތުރު ފެށުމުގެ ކުރިން އީޓީއޭ ހޯދަން ޖެހޭނެ ކަމަށެވެ. މި ހުއްދައަށް އެދެން ޖެހެނީ ދަތުރު ފެށުމުގެ މަދުވެގެން 24 ގަޑިއިރު ކުރިން ވެބްސައިޓް މެދުވެރިކޮށް ކަމަށް ވެސް ހައި ކޮމިޝަނުން ބުންޏެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މެދުކަނޑާލާފައި އޮތް އުސޫލެކެވެ.

ނަމަވެސް ހައި ކޮމިޝަނުން ބުނި ގޮތުގައި ދިވެހިންނަށް ކުރިން ވެސް އޮންނަ އުސޫލުގެ ދަށުން، އެއްވެސް ފީއަކާ ނުލައި 90 ދުވަހުގެ ޓޫރިސްޓު ވިސާ ލިބޭނެއެވެ. ލަންކާ ސަރުކާރުން މިދިޔަ އަހަރުގެ ޖުލައި މަހު ހިލޭ އީޓީއޭ ލިބޭ ގައުމުތައް 40 އަށް އިތުރުކުރަން ނިންމި ނަމަވެސް އެކަން ތަންފީޒު ނުކުރެވި އޮތުމަށް ފަހު، މި މަހުގެ ހަތް ވަނަ ދުވަހު ލަންކާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ރާއްޖެ ހިމެނޭ ގޮތަށް އެ ލިސްޓު ފާސްކޮށްފައެވެ.

މީގެ ކުރިން ހިލޭ އީޓީއޭގެ އިނާޔަތް ލިބެނީ އިންޑިއާ، ޗައިނާ، ރަޝިއާ އަދި ޖަޕާން ފަދަ މަދު ގައުމުތަކަކަށެވެ. ވިސާގެ ކަންކަން އައުޓްސޯސް ކުރުމަށް އިންޑިއާގެ ކުންފުނިތަކަކާ އެކު ލަންކާ ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ދަށުން ކޮންމެ މީހަކު 25 ޑޮލަރުގެ ޕްރޮސެސިން ފީއެއް ދައްކަން ޖެހޭ ގޮތަށް ކުރިން އޮތް ނަމަވެސް، އެ މައްސަލަ ކޯޓަށް ހުށަހެޅުމާ ގުޅިގެން މިހާރު ވަނީ އެ އުސޫލަށް އަމަލުކުރުން ހުއްޓުވައިފައެވެ.