ސިޔާސީ މަސައްކަތް ކުރުމަށް މި ސަރުކާރުގައި އެއްވެސް ބިރުވެރިކަމެއް ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމުން ގެނެސްދިން ”ނޭޝަން ޗެޓް“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރީ ސަރުކާރުތަކުގައި ސިޔާސީ މަސައްކަތް ކުރާ މީހުން ޖަލަށް ލުމަކީ އެ ސަރުކާރުތަކުން ”ހޮބީ“ އެއްގެ ގޮތުގައި ކުރަމުން ދިޔަ ކަމެއް ކަމަށެވެ. އެކަމަށް ނިމުމެއް ގެނެސްފައިވަނީ މި ސަރުކާރުން ކަމަށާއި، ސިޔާސީ ގޮތުން އެއްވެސް މީހަކު ޖަލަށް ލާފައި ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ކޮންމެ މީހަކަށް ވެސް ސިޔާސީ މަސައްކަތް ކުރެވޭނެ ގޮތް މި ސަރުކާރުން ފަހިކޮށްދީފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އެންމެންނަށްވެސް އޮންނަ މިނިވަންކަމެއް ކަމަށާއި އެ މިނިވަންކަން ބޭނުންކުރަންވީ ހަމަ އޭގެ އެންމެ ފުޅާމިނުގައި ކަމަށްވީ ނަމަވެސް، ކޮންމެ މީހަކަށްވެސް އޮތް ހުދޫދު އެންމެނަށްވެސް އެޕްލައިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
”މުސްލިމަކަށްވީތީ އެޕްލައިވާ ހުދޫދު އޮންނާނެ. އެހެން މީހުންގެ އަބުރު ކަތިލުމާއި އެހެންމީހުންގެ ހައްގުތަކަށް އަރައިގަތުމަކީ އިސްލާމްދީނުގައި މަނާކަމެއް. އަދި ރާއްޖޭގެ ގާނޫނުއަސާސީގައިވެސް ހުއްދަ އޮތް ކަމެއް ނޫން. އެ އިމާއި މިންގަނޑުގެ ތެރޭގައި އަޅުގަނޑުމެން ކޮންމެ މީހަކުވެސް ސިޔާސީ މަސައްކަތް ކުރަންވީ“ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސިޔާސީ ފަރާތްތަކުން އެންމެ އިސްކަމެއް ދޭންވާނީ ގައުމުގެ ހަމަޖެހުމަށް ކަމަށެވެ. ޒިންމާދާރު އިދިކޮޅު ޕާޓީއަކުން މަސައްކަތް ކުރަންޖެހޭނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށާއި، ސަރުކާރުން ރައްޔިތުންނަށް ފައިދާ ކުރާނެ ކަންކަން ކުރާ ނަމަ އެކަމަށް ތާއީދު ކުރުމަށް ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް މިހާރު އިދިކޮޅު ސިޔާސީ ޕާޓީއެއް ހަރަކާތްތެރިވާ މަންޒަރު ނުފެންނަ ކަމަށާއި، ޑިމޮކްރަސީ ފައްކާ ކުރާ ނަމަ ބަދަލު ހިފުމުގެ ރޫހު ދޫކޮށް ގައުމު އިސްކުރަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.







