ފަހުގެ ތާރީހުގައި ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް، ގ. ފަހިވާގެ/ ބައްސާމު އަދީލް ޖަލީލުގެ މައްޗަށް މަނީ ލޯންޑްރިން ކުށުގެ ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފި އެވެ.
އޭސީސީން މިއަދު ބުނީ، އެ ކޮމިޝަނާއި ފުލުހުން ގުޅިގެން ކުރިއަށްގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަނަށްފަހު ބައްސާމްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކުރުމަށް ޕީޖީގެ އޮފީހަށް ފޮނުވީ މިއަދު ކަމަށެވެ.
މަނީ ލޯންޑަރިންގެ ކުށްކޮށްފި މީހެއްގެ އަދަބަކީ 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ އަދަދުގެ ފަސް ގުނައަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
އޭސީސީން ބުނީ، މި މައްސަލައިގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ބައްސާމް ހިޔާނާތްތެރިވެ، އެ ފައިސާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ބޭންކް އެކައުންޓުތަކަށް ޖަމާކޮށް، ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބު މެދުވެރިވެގެން، އެސްއޯއެފް ކުންފުނިން ބައްސާމުގެ ބޭންކް އެކައުންޓަށް 29,000.00 (ނަވާވީސް ހާސް) އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ.
އަދި އެ ފައިސާ ބައްސާމުގެ އަމިއްލަ ބޭނުންތަކަށް ހަރަދުކޮށްފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށްވެސް ބުންޏެވެ.
އޭސީސީން އިތުރަށް ބުނީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ވިއްކުމުގެ ކަންކަމުގައި ބައްސާމް ބައިވެރިވެ، ރަށްތަކާއި ފަޅުތައް ކުއްޔަށްދިނުމާ ގުޅޭ ބައެއް އެއްބަސްވުންތަކުގައި އެ ކުންފުނީގެ ފަރާތުން ހެއްކެއްގެ ގޮތުގައިވެސް ސޮއިކޮށްފައިވާ ކަމަށެވެ.


