ޑައިމަންޑް ޖުބިލީ މެޗުތަކުގެ ޓިކެޓް އަގުހެޔޮކޮށްފި

ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތުގައި ރާއްޖެ އާއި އަފްގާނިސްތާން ކުޅުނު މެޗަށް ވަން ރާއްޖޭގެ ސަޕޯޓަރުންތަކެއް ---- ފޮޓޯ: އެފްއޭއެމް ފޭސްބުކް ޕޭޖް

ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ ގޮތުން ކުޅޭ ޑައިމަންޑް ޖޫބިލީ އިންޓަނޭޝަނަލް މުބާރާތުގެ މެޗުތަކުގެ ޓިކެޓުގެ އަގު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހެޔޮކޮށްފި އެވެ.

މިދިޔަ ހޯމަ ދުވަހު ރާއްޖޭގައި ފެށި މުބާރާތުގެ ފުރަތަމަ ދެ މެޗަށް ޓިކެޓް ވިއްކާފައިވަނީ، ސިޑިބަރިން 100 ރުފިޔާއަށް އަދި ގޮނޑިބަރިން 200 ރުފިޔާ އަށެވެ. ނަމަވެސް އެފްއޭއެމް އިން މިއަދު ވަނީ ޓިކެޓުގެ އަގު ދެގުނަ ހެޔޮކޮށްފަ އެވެ. މިހާރު ޓިކެޓު ވިއްކާނީ ސިޑިބަރިން 50 ރުފިޔާ އަށް އަދި ގޮނޑިބަރިން 100 ރުފިޔާ އަށެވެ.

ޑައިމަންޑް ޖުބިލީގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ބަންގްލަދޭޝްއާއި ޕާކިސްތާން އަދި އަފްގާނިސްތާނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް އާއި ޕާކިސްތާން ވާދަކުރި މެޗު އެއްވަރު ވެގެން ނިމުނުއިރު، ރާއްޖެ އިން އަފްގާނިސްތާނާ ދެކޮޅަށް މެޗު ނިމުނީ 1-0 އިން ރާއްޖެ ބަލިވެގެންނެވެ.

ޑައިމަންޑް ޖުބިލީ މުބާރާތުގެ މެޗުތައް ދެން އެންމެ އަވަހަށް އޮތީ މާދަމާ އެވެ. އެ ގޮތުން، މާދަމާ ހަވީރު ރާއްޖޭން ޕާކިސްތާނާ ދެކޮޅަށް ކުޅޭއިރު، މާދަމާރޭ އަފްގާނިސްތާނުން ބަންގްލަދޭޝްއާ ބައްދަލުކުރާނެ އެވެ.