އަމިއްލަ ނަފުސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، އަދި ގައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ޖީލެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ ދިވެހި ވަތަނީ ހިދުމަތުގެ ދެވަނަ ބެޗުގެ ފަންނީ ތަމްރީނުތަކުގައި ބައިވެރިވާ ޒުވާނުން މިއަދު ބ. ކިހާދޫއަށް ފުރައިފި އެވެ.
ކިހާދޫއަށް މިއަދު ފުރާފައިވަނީ ވަތަނީ ހިދުމަތުގެ ދެވަނަ ބެޗުގައި ބައިވެރިވި ޒުވާނުންގެ ތެރެއިން ފަންނީ ތަމްރީނުގައި ބައިވެރިވުމަށް ކުރިމަތިލި 77 ޒުވާނުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ 17 އަތޮޅެއްގެ 50 ރަށަކަށް ނިސްބަތްވާ، 16 އަހަރާއި 19 އަހަރާއި ދެމެދުގެ ޒުވާނުންނެވެ.
އެއީ ވަތަނީ ހިދުމަތުގެ ދެވަނަ ބެޗުގައި ބައިވެރިވި 350 ދަރިވަރުންގެ ތެރެއިން 22 ޕަސެންޓް ޒުވާނުންނެވެ.
މި ޒުވާނުން ފަންނީ ތަމްރީން ފުރިހަމަކުރާނީ ކިހާދޫގައި ހުންނަ އެމްއެންޑީއެފްގެ ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސްގައެވެ. މިއީ ހަތަރު މަސް ދުވަހުގެ ތަމްރީނެކެވެ.
ވަތަނީ ހިދުމަތުގެ ފުރަތަމަ ބެޗުގައި ބައިވެރިވި ޒުވާނުންގެ ތެރެއިން 14 އަންހެން ދަރިވަރަކާއި 49 ފިރިހެން ދަރިވަރު ހިމެނޭހެން 63 ޒުވާނަކު ވަނީ ފަންނީ ތަމްރީން ފުރިހަމަކޮށްފަ އެވެ. އެ ތަމްރީން ކުރިއަށް ގެންގޮސްފައިވަނީ 15 ޖަނަވަރީ 2026 އިން 22 މޭ 2026 އަށެވެ.
އެމްއެންޑީއެފް އިން ކުރިން ބުނެފައިވާ ގޮތުން ފަންނީ ތަމްރީނުގައި އޮޓޯ މޯބައިލް އިންޖިނިއަރިންއާއި މެރިން އިންޖިނިއަރިންއާއި އިލެކްޓްރީޝަންއާއި ރެފްރިޖެރޭޝަންއާއި ވެލްޑިން އަދި އޮފީސް މެނޭޖުމަންޓް ފަދަ ސިނާއީ ދާއިރާތަކުގެ ހުނަރުތައް ދަސްކޮށްދޭނެ އެވެ. އަދި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރާ ޒުވާނުންނަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އެޕްރޫވްޑް، ލެވެލް 3ގެ ސެޓިފިކެޓެއް ދޭނެ ކަމަށްވެސް ބުންޏެވެ.


