ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސް ”ރޫޅި“، އެންމެ ފަހުން ޕާޓީ އުވާލައިފި

ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވި ޖަލްސާގައި އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ---

ސިޔާސީ ޕާޓީއަކަށް ބޭނުންވާ އަދަދަށް މެންބަރުން ހަމަނުވާތީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސް މިއަދު އުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޑިމޮކްރެޓްސް އުވާލީ އެ ޕާޓީގައި 3000 މެންބަރުން ހަމަނުވާތީ ކަމަށެވެ. އަދި މިއަދުން ފެށިގެން ސިޔާސީ ޕާޓީތަކުގެ ދަފުތަރުން ޑިމޮކްރެޓްސް އުނިކޮށްފައިވާ ކަމަށް ވެސް ކޮމިޝަނުން ބުނެ އެވެ.

ޑިމޮކްރެޓްސްގެ އިތުރުން މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) ވެސް މިއަދު ވަނީ އުވާލައިފަ އެވެ. އެ ޕާޓީވެސް އުވާލީ އިލެކްޝަންސް ކޮމިޝަނުން ބުނާ ގޮތުގައި ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ގާނޫނު ލާޒިމުކުރާ އަދަދަށް މެންބަރުން ހަމަނުވާތީ އެވެ.

ދަ ޑިމޮކްރެޓްސް އުފެއްދީ ޖުލައި 2023 ގައެވެ. އެއީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޕްރައިމަރީން ނަޝީދު ބަލިވުމުންނެވެ.