މި އަހަރުގެ މިހާތަނަށް ރާއްޖޭން ހިމަބިހި ބަލި ޖެހުނު މީހުންގެ އަދަދު 15 އަށް އަރައިފި އެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ، މިދިޔަ ހަފުތާ ތެރޭގައި ހިމަބިއްސަށް ހަތަރު މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެ ހަތަރު ކޭސް ވެސް ފެނިފައިވަނީ މާލެ ސަރަހައްދުން ކަމަށްވެސް ބުންޏެވެ.
މިއީ މިދިޔަ މޭ މަހުގެ 13 ވަނަ ދުވަހު ރާއްޖޭގައި ހިމަބިހި ފެތުރެމުންދާކަން އެޗްޕީއޭ އިން ހާމަކުރި ފަހުން ހަފުތާއެއްގެ ތެރޭގައި އެ ބައްޔަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ހަފުތާ އެވެ.
ރާއްޖޭގައި 1983 ވަނަ އަހަރު ހިމަބިހީގެ ވެކްސިން (އެމްއާރު) ދޭން ފެށުމަށްފަހު، 2017 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން ވަނީ ރާއްޖެއަކީ ހިމަބިހި މުޅިން ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ. ނަމަވެސް، އޭގެ ފަހުންވެސް އެކި ދުވަސްވަރު މީގެ ކޭސްތައް ރާއްޖޭން ފެންނަމުންދިޔަ އެވެ.


