އައްޑޫ ސިޓީގައި ކެފޭ އުސޫލުން ޑުރަގް ބޭނުންކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި އެ ސިޓީގެ، ހިތަދޫ/ ލާމިޔާގެއާގޭ ބަންދުކުރަން އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފި އެވެ.
މި އަމުރު ނެރެފައިވަނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން 90 ދުވަހަށެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރަކީ، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރުމަށް އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ފުރަތަމަ އަމުރެވެ.
ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެކެވެ.
ފުލުހުން ބުނި ގޮތުގައި މިފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެ ކަމަށެވެ.
މީގެ ކުރީން މާލެއާއި ފުވައްމުލަކުގައި ހިންގަމުންދިޔަ ދެ ޑުރަގް ކެފޭއެއްވެސް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.


