އަމިއްލަ ދަރިފުޅަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ ފުލުސް މީހާ ހައްޔަރުކޮށް، ވަޒީފާއިން ސަސްޕެންޑް!

ފުލުހުންގެ މައި އިދާރާ ---

އަމިއްލަ ދަރިފުޅަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ ފުލުސް މީހާ ހައްޔަރުކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި މި މަހުގެ 1 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި މި މައްސަލައިގައި ފުލުސް މީހާއަށް ތުހުމަތު ކުރެވެނީ އޭނާގެ 15 އަހަރުގެ އަންހެން ދަރިފުޅަށް ޖިންސީ ގޯނާ ކުރި ކަމަށެވެ.

ނަމަވެސް ހަ ދުވަސް ވަންދެން އެކަން މީޑިއާތަކަށް ސިއްރުކުރުމަށްފަހު ފުލުހުން މިދިޔަ ހޮނިހިރު ވަނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ގިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށާއި އެއީ ފުލުހެއްކަން ހާމަކޮށްފަ އެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ ފުލުސް މީހާ ހައްޔަރުކުރުމާ ގުޅިގެން ފުލުހުން ބުނީ އިއްޔެގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން 49 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމަރުކޮށްފަ އެވެ.

ފުލުހުން ވަނީ އޭނާ މުސާރަ ނުލިބޭ ގޮތަށް، ފުލުހުންގެ ވަޒީފާއިން ސަސްޕެންޑްކޮށްފައިވާ ކަމަށްވެސް ބުނެފަ އެވެ.

މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ކުރިއަށް ގެންދާއިރު، އިދާރީ މައްސަލަ ބަލަމުންދަނީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑްސް ކޮމާންޑުންނެވެ.