ވޯލްޑް
ކަޕް

ވޯލްޑް ކަޕްގެ މެޗެއްގައި ކެނެޑާއަށް ފުރަތަމަ ފަހަރަށް ޕޮއިންޓެއް 

ބޮސްނިއާ ކޮޅަށް ގޯލު ޖެހުމަށްފަހު ކެނެޑާގެ ކުޅުންތެރިން އުފާފާޅުކުރަނީ -- ފޮޓޯ: ދަ ކެނެޑިއަން ޕްރެސް

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ބީގައި ހޯސްޓް ގައުމެއް ކަމަށްވާ ކެނެޑާއާއި ބޮސްނިއާ އެންޑް ހާޒެގޮވީނާ ބައްދަލުކުރި ފޯރިގަދަ މެޗު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެއްޖެއެވެ.

މި ވޯލްޑް ކަޕަކީ ކެނެޑާ ވާދަކުރާ ތިންވަނަ ވޯލްޑް ކަޕެވެ. ނަމަވެސް މީގެ ކުރިން ކުޅުނު ދެ ވޯލްޑް ކަޕްގައި ވެސް ހުރިހާ މެޗަކުން ކެނެޑާ ވަނީ ބަލިވެފައެވެ.

ޓޮރޮންޓޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗަކީ ދެ ގައުމުގެ ތާރީހުގައިވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗެކެވެ. މެޗުގެ ފުރަތަމަ ހާފުގައި ބޮސްނިއާ އިން ލީޑު ނެގި ނަމަވެސް، ދެވަނަ ހާފުގައި ކެނެޑާއިން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.

މެޗުގެ 21 ވަނަ މިނެޓުގައި ބޮސްނިއާގެ ޖޯވޯ ލޫކިޗް ވަނީ ގޯލެއް ޖަހައި އެ ޓީމަށް ލީޑު ނަގައިދީފައެވެ. މިއީ ސީޑް ކޮލާސިނަކް ޖައްސާލި ބޯޅައެއްގެ ފުރުސަތެއްގެ ބޭނުން ހިފައިގެން ކާމިޔާބުކުރި ގޯލެކެވެ.

ގިނަ ފުރުސަތުތަކަކަށްފަހު މެޗުގެ 78 ވަނަ މިނެޓުގައި ކެނެޑާއަށް ލިބުނު ފުރުސަތެއްގެ ބޭނުން ހިފައި، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ކައިލް ލެރިން ވަނީ ގޯލެއް ޖަހައި ކެނެޑާއަށް އުންމީދެއް ހޯދައިދީފައެވެ.

މި މެޗުގައި އަނިޔާގެ ސަބަބުން ކެނެޑާގެ އަލްފަންސޯ ޑޭވީސް އަދި ބޮސްނިއާއަށް އެންމެ ގިނަ ގޯލު ޖަހައިދީފައިވާ އެޑިން ޖެކޯ ފެނިފައެއް ނުވެއެވެ.

ކެނެޑާ އާއި ބޮސްނިއާގެ އިތުރުން ދެން ގްރޫޕު ބީގައި ހިމެނެނީ ގަތަރާއި ސްވިޒަލެންޑެވެ.