ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާއަށް އިންތިހާބުވެވަޑައިގެންނެވި އަބްދުﷲ ސޯދިގު މިއަދު މަގާމުގެ ހުވާ ކުރައްވައިފި އެވެ.
ސޯބެ މަގާމުގެ ހުވާކުރެއްވީ މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމުގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ހުވާ ކުރެއްވުމަށްފަހު ސޯބެ ވަނީ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވާން ފަށައިފަ އެވެ.
ސޯބެ މަޖިލީހަށް އިންތިހާބުވުމުން އެމްޑީޕީގެ މަޖިލިސް މެންބަރުންގެ އަދަދު 12 އިން 13 އަށް އިތުރުވީ އެވެ. އަދި ޕީއެންސީގެ މެންބަރުންގެ އަދަދު 75 އިން 74 އަށް މަދުވާނެ އެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން (ސިނާ)ގެ މައްޗަށް ސާބިތު ދަރަނީގެ މައްސަލައެއް ސާބިތުވެ، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް އޭޕްރީލް 12، ގައި ސުޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ. އެ ގޮނޑި އަނބުރާ ހޯއްދެވުމަށް ޕީއެންސީގެ ޕްރައިމަރީ ސިނާ ކާމިޔާބު ކުރެއްވި ނަމަވެސް ފަހުން ބައި-އިލެކްޝަންގައި ވާދަނުކުރަން އޭނާ ނިންމެވި އެވެ.
އެ ގޮނޑިއަށް މެންބަރަކު ހޮވުމަށް މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ބައި އިލެކްޝަންގައި ސޯބެއާ ވާދަކުރެއްވީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ފަރާތުން އަހުމަދު ސައީދު (ސޮޑާ) އެވެ. އޭނާއަކީ ޕީއެންސީގެ ޕްރައިމަރީގައި ސިނާއާ ވާދަކޮށް ނާކާމިޔާބުވި ފަރާތެވެ.
ވާދަވެރި ކެމްޕެއިނަކަށް ފަހު އޮތް ހިތަދޫ އުތުރު ދާއިރާގެ ބައި އިންތިހާބު ސޯބެ ކާމިޔާބުކުރެއްވީ 62 ވޯޓުގެ ތަފާތަކުންނެވެ. ސޯބެއަށް އެ އިންތިހާބުގައި 1،375 ވޯޓު ލިބިވަޑައިގެންނެވިއިރު ސޮޑާއަށް ލިބިވަޑައިގަތީ 1،313 ވޯޓެވެ.


