ހިޖުރީ އާ އަހަރަކީ އަމިއްލަ އެދުމެއް ނެތި, އަނެކާއަށް އެހީވުމުގެ ރޫހު އާލާކުރަންވީ ވަގުތު: ރައީސް

މި ފެށުނު ހިޖުރީ އާ އަހަރަކީ, މުޅި މުޖުތަމައުގެ ލާބަޔާއި މަންފާއަށްޓަކައި އޯގާތެރިކަން އިސްކޮށް, އަމިއްލަ އެދުމެއްނެތި, އިހުލާސްތެރިކަމާއެކު އެކަކު އަނެކަކަށް އެހީތެރިވެ އުޅުމުގެ ރޫހު އާލާކުރަންވީ ވަގުތު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިގޮތަށް ވިދާޅުވީ, ހިޖުރީ ސަނަތުން 1448 ވަނަ އަހަރު ފެށުމާއި ގުޅިގެން އިސްލާމީ ގައުމުތަކާއި ސަރުކާރުތަކުގެ އިސްވެރިންނަށާއި ބައިނަލްއަގުވާމީ އިސްލާމީ ޖަމާއަތްތަކުގެ އިސްވެރިންނަށް ފޮނުއްވެވި ހެޔޮ އެދުމާއި ތަހުނިޔާގެ މެސެޖުގައެވެ.

ރައީސްގެ އެ މެސެޖުގައި ވިދާޅުވީ, މި ފެށުނު ހިޖުރީ އާ އަހަރަކީ, ތިމާގެ އަމިއްލަ ނަފުސާއި މުޖުތަމައުގެ ހާލަތާމެދު ފުންކޮށް ވިސްނައި, އެއްބައިވަންތަކަން އާލާކުރަންވީ ވަގުތު ކަމަށެވެ.

އަދި ކުރިއަށް އޮތް އަހަރަކީ އިސްލާމީ އުންމަތުގެ އީމާންތެރިކަން އިތުރަށް ވަރުގަދަވެގެންދާނެ އަހަރަކަށްވުމަށް އެދިވަޑައިގެން, މުޅި އިސްލާމީ އުންމަތަށް ދެމިގެންދާފަދަ ސުލްހަވެރިކަމާއި ފާގަތިކަމާއި އެއްބައިވަންތަކަން މިންވަރުކޮށްދެއްވުން އެދިވަޑައިގެން ރައީސްގެ މެސެޖުގައި ވަނީ ދުއާ ދަންނަވައިފަ އެވެ.