ފަތުރުވެރިކަމަށް އޮތް ޑިމާންޑާއިއެކު، ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވުމަށް މަގުފަހިވި

އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް ހެޑްއޮފީސް އިމާރާގެ ބޭރު: ފައިލް ފޮޓޯ- ރޯއިޓަރސް

ރާއްޖޭގެ ފަތުރުވެރިކަމަށް އޮތް ޑިމާންޑް އިތުރުވުމުގެ ސަބަބުން، ރާއްޖެއަށް، ކުރިމަތިވެފައިވާ މާލީ ފިއްތުންތައް ކުޑަވެ، ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވުމަށް މަގުފަހިވެފައިވާކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފްއިން ވިދާޅުވެއްޖެއެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ މުއްދަތަށް ރާއްޖެ އަށް އައިއެމްއެފްގެ ވަފްދަކުން ކުރި ޒިޔާރަތަށް ފަހު، ނެރުނު ރިޕޯޓުގައި ހާމަކޮށްފައިވާ ގޮތުގައި، ބޭރުގެ ބާޒާރުތަކުގައި ރާއްޖޭގެ ފަތުރުވެރިކަމަށް އޮތް ޑިމާންޑް އިތުރުވުމުގެ ސަބަބުން، ވޭތުވެދިޔަ އަހަރު ރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތައް ވަނީ ވަރަށް ބޮޑަށް ކުރިއަރާފައެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއަށް ލިބިފައިވާ މި ކުރިއެރުމާއި، ބޭރުގެ ޤައުމުތަކުން ރާއްޖެއަށް ލިބުނު އެހީތެރިކަމުގެ ސަބަބުން، ކުރިމަތިވެފައިވާ މާލީ ފިއްތުންތައް ކުޑަވެ، ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވުމަށް މަގުފަހިވި ކަމަށްވެސް އެ އިދާރާއިން ނެރުނު ރިޕޯޓުގައި ބުނެފައިވެއެވެ.

މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، ދުނިޔޭގެ އިޤްތިޞާދަށް ނުތަނަވަސްކަން ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހިފެހެއްޓުމަށާއި، ބޭރު ފައިސާ ވަނުމަށާއި، ރާއްޖޭގެ މާލީ ހާލަތު ވަރުގަދަކުރުމުގައި ފަތުރުވެރިކަމުގެ ސިނާޢަތް ގެންދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.

މީގެ އިތުރުން، އައިއެމްއެފުން ބުނި ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާ އިން މުހިންމު ކުރިއެރުންތަކެއް ލިބުނުނަމަވެސް ވިޔަފާރީގެ މާހައުލު ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި ގާނޫނީ އަދި އިދާރީ ހިންގުން ހަރުދަނާ ކުރުމަކީ މުހިންމު ކަމެކެވެ.

އެހެންކަމުން އިގްތިސާދީ ކުރިމަގަށް ހުރި ހުރަސްތަކުގެ ގޮތުގައި ދުނިޔޭގެ މަސްރަހުގައި ހުރި ނުތަނަވަސްކަމާއި ހަކަތައިގެ އަގާއި ބޭރުގެ މާލީ އެހީތެރިކަން ހޯދުމުގައި ހުރި ދަތިތައް ފާހަގަކޮށް، އައިއެމްއެފުން ބުނީ، ސަރުކާރުގެ މައިގަނޑު ސިޔާސަތަކަށް ވާން ޖެހޭނީ އިގްތިސާދީ ހަމަޖެހުން ދެމެހެއްޓުމާއި ދަރަނި މެނޭޖުކުރުމާއި ދައުލަތުގެ މާލިއްޔާ ވަރުގަދަކުރުންކަމަށެވެ.

އަދި ދައުލަތުގެ ދަރަނި ކުޑަކުރުމަށާއި، މާލީ ހަމަޖެހުން ދެމެހެއްޓުމަށް އަޅަމުންދާ ފިޔަވަޅުތައް ކުރިއަށް ގެންދިއުމަށްވެސް އައިއެމްއެފްއިން ވަނީ އިރުޝާދު ދީފައެވެ. އެހެންކަމުން މި ފިޔަވަޅުތައް އަޅާއިރު، މުޖުތަމަޢުގެ ނާޒުކު ފަންތީގެ މީހުންނަށް ލިބޭނެ ގެއްލުންތަކުން ރައްކާތެރިކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް އައިއެމްއެފް އިން ވަނީ ލަފާދީފައިވެއެވެ.