އެއް އިރެއްގައި ޗައިނާގެ އެންމެ މުއްސަނދި ވިޔަފާވެރިންގެ ތެރޭގައި ހިމެނުނު ގުއޯ ވެންގުއީ، ބިލިއަން ޑޮލަރުގެ ސްކޭމެއް ހިންގި މައްސަލައިގައި 30 އަހަރަށް ޖަލަށްލާން އެމެރިކާގެ ނިއުޔޯކް ކޯޓުން ހުކުމްކޮށްފި އެވެ.
ރިއަލް އެސްޓޭޓް ޑިވެލޮޕަރެއްގެ ގޮތުގައި ބޮޑު މުއްސަނދިކަމެއް ހޯދި ގުއޯއަކީ މީގެ ކުރީން ޗައިނާ ސަރުކާރާ ގާތް ގުޅުމެއް ބޭއްވި މީހެކެވެ. ނަމަވެސް ޗައިނާގެ އިސް އޮފިޝަލުން އޭނާގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތު ކުރަން ފެށުމުން ގުއޯ ވަނީ 2017 ވަނަ އަހަރު ޗައިނާ ދޫކޮށް އެމެރިކާއަށް ހިޖުރަކޮށް، އެ ގައުމުން ހިމާޔަތް ހޯދައިފަ އެވެ.
އެމެރިކާއަށް ހިޖުރަކުރުމަށްފަހު ގުއޯ ފާހަގަވެފައިވަނީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް ވަރަށް ބޮޑަށް ފާޑުކިޔާ މީހެއްގެ ގޮތުގައެވެ. އެކަމުން އަމިއްލަ ނަން މަޝްހޫރުކޮށް، އިންޓަނެޓް މެދުވެރިކޮށް ގިނަ ބައެއްގެ ތާއީދު އޭނާ ހޯދި އެވެ.
އެމެރިކާގެ ޕްރޮސިކިއުޓަރުން ބުނާ ގޮތުގައި ގުއޯ ވަނީ އޭނާއަށް ލިބުނު މަގުބޫލުކަމުގެ ފައިދާ ނަހަމަ ގޮތުގައި ބޭނުންކޮށް، އޭނާއަށް ތާއީދުކުރާ މީހުންގެ އަތުން 1 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހޯދައިފަ އެވެ. އެ ފައިސާ އޭނާ ހޯދީ 2018 އާއި 2023 އާ ދެމެދު އިންވެސްޓްމަންޓް އަދި ކްރިޕްޓޯކަރަންސީ ސްކީމްތަކުގައި ބައިވެރިވެގެން ކަމަށްވެސް ބުންޏެވެ.
އެ މައްސަލަތަކާ ގުޅިގެން ގުއޯގެ މައްޗަށް ވަނީ މަކަރާއި ހީލަތް ހެދުން އަދި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެފަ އެވެ.
ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި، ގުއޯ ހޯދި ފައިސާ އިން އޭނާ އުޅެފައިވަނީ އަގުބޮޑު ދިރިއުޅުމެކެވެ. އެގޮތުން 50،000 އަކަފޫޓުގެ ބޮޑު ގެއަކާއި 1 މިލިއަން ޑޮލަރުގެ ލަމްބޯގިނީއެއްގެ އިތުރުން 37 މިލިއަން ޑޮލަރުގެ ޔޮޓެއް އޭނާ ގަނެފައިވެ އެވެ.
ނަމަވެސް ގުއޯ ވަނީ އެ ތުހުމަތުތަށް ދޮގުކޮށް، އެ ފައިސާ ބޭނުންކުރީ އޭނާގެ ސިޔާސީ ހަރަކާތްތަކަށް ކަމަށް ބުނެފަ އެވެ.


