ރާއްޖެއަށް ޑުރަގް އެތެރެކުރި ދިވެހި އަންހެނަކު ހައްޔަރުކޮށް, ބަންދުކޮށްފި އެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްޔެ ބަންދުކޮށްފައިވަނީ 32 އަހަރުގެ އަންހެނެކެވެ. އޭނާގެ ބަންދަށް ޖަހާފައިވަނީ 15 ދުވަހެވެ.
އޭނާގެ ބަންދު ޖެހުމަށް ބޭއްވި މަޖިލީހުގައި ފުލުހުން ބުނީ, އޭނާ ލައިގެން ހުރި ޖިންސާއި ހަށިގަނޑާ ދޭތެރެއިން ދެ ޕެޑް ނަގާ ދިނުމުން ބަލައިފާސްކުރި ކުރުމުން ދެ ޕެޑް ދޭތެރޭގައި ފޮރުވާފައި އިން ޕްލާސްޓިކް ކޮތަޅެއްގެ ތެރެއިން ޑުރަގް ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 30 ރަބަރު ކޮތަޅު ފެނިފައިވާ ކަމަށެވެ.
ބަރުދަނުގައި 29 ގްރާމް ހުރި އެ ތަކެތީގެ ތަހުލީލު ނަތީޖާ އިން ޑައަމޯފިންއަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ, އެ ތަކެތި ފެނުމުން އޭގެ ސަބްސްޓިޓިއުޓް ބޭނުންކޮށްގެން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގައި, ޑުރަގް އެތެރެކުރުމުގައި އަންހެން މީހާ އާއެކު ބައިވެރިވި ފަރާތުން ދިން އިރުޝާދާއެކު ފެނުނު ޑުރަގް އެހެން ފަރާތަކާ ހަވާލުރި ކަމަށެވެ.
ބަންދު އަމުރުގައި ބުނެފައިވާ ގޮތުން, އޭނާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމަށް ދިފާއީ ވަކީލު އެދުނެވެ. ނަމަވެސް މައްސަލަ ބެއްލެވި ގާޒީ, އަހުމަދު ނިޔާޒް ނިންމެވީ އޭނާއަކީ އެ މައްސަލައިގައި ޑުރަގް ރާއްޖެއަށް އެތެރެކުރި މީހާ ކަމަށްވާތީ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލެވެން ނެތް ކަމަށް ކަނޑައަޅައިފަ އެވެ.


