ޕީއެންސީ މެންބަރުންގެ ވޯޓާއެކު ޕީއެންސީގެ ކުރީގެ ރަޖިސްޓްރާ ޝަކީލު އީސީގެ ރައީސަކަށް

އީސީގެ ރައީސަކަށް އައްޔަންކުރަން މަޖިލީހުން ފާސްކުރި ޝަކީލް --

ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކުރީގެ ރެޖިސްޓްރާ މުހައްމަދު ޝަކީލު، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސްގެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ޝަކީލު އެ މަގާމަށް އައްޔަންކުރަން ރުހުން ދިނުމަށް މަޖިލީހުގައި މިއަދު ނެގި ވޯޓުގައި 51 މެންބަރުން ވޯޓު ދެއްވި އެވެ. އެއީ ހުސް ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނެވެ. އޭނާ އެ މަގާމަށް އައްޔަނުކުރުމާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީއަށް ނިސްބަތްވާ އަށް މެންބަރުންނެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ހުސްވެފައިވާ މެންބަރުގެ މަގާމަށް ޝަކީލް އައްޔަންކުރީ މި މަހުގެ 24 ވަނަ ދުވަހު އެވެ.

ޝަކީލް މީގެ ކުރިންވެސް ވަނީ އީސީގެ މެންބަރުކަމުގެ މަގާމު އަދާކުރައްވައިފަ އެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ. މީގެ ކުރިން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާއި ޕީއެންސީގެ ރަޖިސްޓްރާގެ މަގާމުވެސް އަދާކުރައްވާފައިވާ ޝަކީލު ވަނީ މި ސަރުކާރުގައި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާކޮށްފަ އެވެ.

އީސީގެ ގާނޫނުގައި ކުރިން އޮންނަ ގޮތުން އެ ކޮމިޝަންގެ ރައީސް އާއި ނައިބް ރައީސް އައްޔަންކުރާނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން ނަގާ ވޯޓަކުން ކަމަށެވެ. އެ މަގާމަށް އައްޔަން ކުރާތާ 48 ގަޑިއިރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށާއި މަޖިލީހަށް އެކަން ކޮމިޝަނުން އަންގަންވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ނަމަވެސް މި ސަރުކާރުން ފެބްރުއަރީ 2025، ގައި އެ ގާނޫނަށް އިސްލާހު ގެނެސް، އެ ކޮމިޝަނުގެ އެންމެ އިސްވެރިޔާ އައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް ވަނީ ހަދައިފަ އެވެ.