މާލޭގައި އުޅޭ ރަށްރަށުގެ ރައްޔިތުންނާ ބައްދަލު ކުރަން ކައުންސިލްތަކަށް ހިލޭ ޖާގަ ދެނީ

މާލެ ސިޓީ ކައުންސިލުގެ ބައްދަލުވުމެއްގެ ތެރެއިން ---

މާލެ ސިޓީގައި ދިރިއުޅޭ، އެކި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރުމަށް އެ ރަށްރަށުގެ ކައުންސިލްތަކުން ބޭނުންވާ ހާލަތްތަކުގައި، އެއްވެސް އަގަކާ ނުލައި، ޖާގަ ހަމަޖައްސައިދިނުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލުގެ އާންމު ޖަލްސާގައި އެ ހުށަހެޅުން ހުށަހަޅުއްވަމުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މާލެ ސަރަހައްދުގައި އެކި ދާއިރާތަކުގެ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅެމުންދާއިރު، އެ ރައްޔިތުންނާ ބައްދަލުކުރުމަށް ރަށްރަށުގެ ކައުންސިލްތަކުން ޖާގަ ހޯދުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.

އެހެންކަމުން ކައުންސިލްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމަކީ ދެ ފަރާތުގެ ގުޅުން ބަދަހިވާނެ ކަމެއް ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް އިތުރަށް ވިދާޅުވީ، ކައުންސިލްތަކުން ބައްދަލުވުންތައް ބާއްވާއިރު، ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ހުސްތަންތަން ހަމަޖައްސައިދިނުމުގެ އިތުރުން، މެހެމާންދާރީ އަދާކުރުމުގެ ގޮތުން ރިފްރެޝްމަންޓް ފަދަ ކަންކަން ވެސް ހަމަޖައްސައި ދިނުމަކީ، މާލެ ސިޓީއަކީ މެހެމާންދާރީ އަދާކުރުމުގައި ނަމޫނާ ސިޓީއަކަށް ހެދުމަށް ކުރެވޭނެ ކަމެއް ކަމަށެވެ.

މި ހުށަހެޅުމަށް ތާއީދު ކުރެއްވީ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު މީކާއީލް މުހައްމަދު ރިޔާޒެވެ. ނިންމުން ފާސްކުރީ ޖަލްސާގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.