ހިންމަފުށީގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި މިސްރު ދެ މީހުން ޑީޕޯޓްކޮށްލަނީ

ހިންމަފުށި މަތިން ނަގާފައިވާ ފޮޓޯއެއް ---

ކ. ހިންމަފުށީގައި ހިންގި މާރާމާރީއަކާ ގުޅިގެން ހައްޔަރުކުރި މިސްރުގެ ދެ މީހަކު ޑީޕޯޓުކޮށްލަން އިމިގްރޭޝަނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ރަށުގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ 7:25 އެހާކަންހާއިރު ހިންގި އެ މާރާމާރީއާ ގުޅިގެން ހައްޔަރުކުރި މިސްރުގެ ދެ މީހުން ކޯޓަށް ހާޒިރުކުރުމުން ދެ ދުވަހަށް ބަންދުކުރަން އަމުރުކުރި ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކަކީ ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރުގައި މަސައްކަތްކުރާ ޑޮކްޓަރެކެވެ. އަދި އެ ދެ މީހުން ހަމަލާދީފައިވަނީ ދިވެއްސަކަށް ކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ.

ނަމަވެސް މާރާމާރީ ހިންގަން މެދުވެރިވި ސަބަބެއް އަދި މި މައްސަލައިގެ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގުގެ ހޯދަންތަކަށް ރިއާޔަތްކޮށް، އެ މީހުން ރާއްޖެ ނާދެވޭ ގޮތަށް ފޮނުވާލަން އިމިގްރޭޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.