މި ސަރުކާރުން އެންމެ މީހަކުވެސް ނުހައްގުން ވަޒީފާއިން ވަކިކޮށްފައެއް ނުވާނެ: ފަލާހު

އިބްރާހިމް ފަލާހު ---

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން އެންމެ މީހަކުވެސް ނުހައްގުން ވަޒީފާއިން ވަކިކޮށްފައި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ސިޔާސީ ގޮތުން މުވައްޒަފުން ވަކިކުރުމާ ދެކޮޅަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި ގަރާރަށް މިއަދުގެ މަޖިލިސް ޖަލްސާގައި ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ, އެމްޑީޕީއަށް ވެރިކަން ލިބުނު ދެ ފަހަރުވެސް އެމްޑީޕީއަށް ތާއީދު ނުކުރާތީ އެތައް ބަޔަކު ވަޒީފާއިން ވަކިކުރި ކަމަށެވެ.

އެގޮތުން އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި 330 މީހުން ސަރުކާރު ކުންފުނިތަކުންނާއި ސަރުކާރުގެ ވަޒީފާތަކުން ވަކިކުރި އިރު, ދެވަނަ ވެރިކަމުގައި 421 މީހުން ނުހައްގުން ވަޒީފާއިން ވަކިކުރި ކަމަށްވެސް ފަލާހު ތުހުމަތު ކުރެއްވި އެވެ.

”މި ވެރިކަމަށް ތިން އަހަރު ވާން ކައިރިއަށް އަންނައިރު 15 މީހުން ވެސް ނީންނާނެ، އެންމެ މީހެއް ވެސް ނުހައްގު ގޮތުގައި ވަޒީފާއިން ވަކިކޮށްފައި މި ސަރުކާރުން ނޯންނާނެ، އެންމެ މީހަކު ވެސް،“ ފަލާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ, އެއްވެސް ދިވެހި ރައްޔިތަކަށް ނިކަމެތިކަން ލިބޭނެ ކަމެއް ރައީސް ޑރ. މުއިއްޒު ނުކުރައްވާނެ ކަމަށާއި އެ މަނިކުފާނަކީ ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު މަސައްކަތް ކުރައްވާ ވެރިއެއް ކަމަށެވެ. އެކަމަށް ދިވެހި ރައްޔިތުން ހެކިވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ފަލާހު މިހެން ވިދާޅުވި ނަމަވެސް, އެމްޑީޕީގެ ސިޔާސީ އެއްވުންތަކާއި މުޒާހަރާތަކުގައި ބައިވެރިވެގެން އެތައް ބަޔަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އެ ޕާޓީން ދަނީ ތުހުމަތު ކުރަމުންނެވެ.